އާޖެންޓީނާގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އަދި 1962 އާއި 1966 ގެ ވޯލްޑް ކަޕްގައި ކުޅުނު އެންޓޯނިއޯ ރެޓީން، އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.
ރެޓީންގެ މުޅި ކްލަބް ކެރިއަރު ހޭދަކުރީ ބޮކާ ޖޫނިއާސްގައެވެ. އެ ކްލަބުގައި ހަތަރު ލީގް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއެވެ. އަދި 1963 ވަނަ އަހަރުގެ ކޮޕާ ލިބެޓަޑޯރެސް ފައިނަލަށް ބޮކާ ގެންގޮސްދިނެވެ. އޭނާ 1959 އިން 1969 އަށް އާޖެންޓީނާ ގައުމީ ޓީމު ތަމްސީލުކުރިއެވެ.
ވޯލްޑް ކަޕް ތާރީހުގެ އެންމެ ބޮޑު އެއް މައްސަލައާ ރެޓީންގެ ނަން ގުޅިފައިވެއެވެ. ވޯލްޑް ކަޕް 1966 ގެ ކުއާޓާ ފައިނަލުގައި ވެމްބްލީގައި އިންގްލެންޑް އަތުން 1-0 އިން ބަލިވި މެޗުގައި ޖަރުމަނުގެ ރެފްރީ ރޫޑޮލްފް ކްރައިޓްލައިން އޭނާ ދަނޑުން ފޮނުވާލިއެވެ. ނަމަވެސް ރެފްރީ ސްޕެއިން ބަސް ނުދަންނާތީ ނިންމުން ފަހުމު ނުވާ ކަމަށްބުނެ ކެޕްޓަން ރެޓީން ދަނޑުން ފޭބުމަށް ދެކޮޅު ހެދިއެވެ. ދަނޑުން ފައިބަމުން ދިޔައިރު އިންގްލެންޑުގެ ކޯނަރު ދިދަ ބިންދައި، ރާނީ އެލިޒެބަތު ދެވަނައަށް ހާއްސަ ރަތް ދޫލައެއްގައި އެތައް މިނެޓެއް ވަންދެން އިށީނދެ އިހުތިޖާޖުކުރިއެވެ.
”ކޯނަރަށް ދިޔައިރު އިންގްލެންޑުގެ ދިދަ ބިންދާލައި މަލާމާތްކުރީ. ދެން ރާނީ ސްޓޭޑިއަމަށް ވަންނަން ބޭނުންކުރާ ދޫލައަށް ގޮސް ގާތްގަނޑަކަށް ފަސް މިނެޓް ވަންދެން އިށީނީ. އެއީ ވަރަށް ރީތި ރަތް ދޫލައެއް،“ ރެޓީން ފަހުން ދިން އިންޓަވިއުއެއްގައި ބުންޏެވެ.
މި ހާދިސާގެ ސަބަބުން ތަފާތު ގައުމުތަކުގެ ރެފްރީންނާއި ކުޅުންތެރިންނާ ދެމެދު މުއާމަލާތުކުރުމުގައި ހުރި މައްސަލަތައް ފާހަގަވެ، 1970 ގެ ވޯލްޑް ކަޕުގައި ފީފާއިން ރީނދޫ ކާޑާއި ރަތް ކާޑުގެ ނިޒާމު ތައާރަފުކުރިއެވެ.
”މުޅި ހަޔާތުގައި ލީ ދެ ޖާޒީ، ބޮކާގެ ޖާޒީއާއި އާޖެންޓީނާގެ ޖާޒީ،“ ރެޓީންގެ އެންމެ ފަހު އިންޓަވިއުތަކުގެ ތެރެއިން އެއް އިންޓަވިއުގައި ބުންޏެވެ.
ކުޅުން ހުއްޓާލުމަށްފަހު 1980 ގައި ކުޑަ ދުވަސްކޮޅަކަށް ބޮކާގެ ކޯޗުކަން ރެޓީން ކުރިއެވެ. އެއަށްފަހު ސިޔާސީ ޕާޓީއެއް ތަމްސީލުކޮށް އާޖެންޓީނާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީ ގޭގެ މެންބަރެއްގެ ގޮތުގައި ހިދުމަތްކުރިއެވެ.


