އައިކޮމްގެ ވާޖިބަށް ހުރަސްއަޅައިގެން ރައީސް އޮފީސް 2,000ރ. އިން ޖޫރިމަނާކޮށްފި

ރައީސް އޮފީސް ---

އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް)ގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަޅަމުންދާ ކަމަށް ކަނޑައަޅައި, އެ އޮފީސް 2,000 ރުފިޔާ އިން ޖޫރިމަނާކުރަން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ޖަވާބު ދީފައިނުވާތީ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު ބޭއްވި އާންމު އަޑުއެހުމެއްގައި ރައީސް އޮފީސް ޖޫރިމަނާކުރަން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ޖަވާބު ފޯރުކޮށްނުދޭތީ ކަމަށެވެ.

އާހިދު ވިދާޅުވީ, މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ޖަވާބު ފޯރުކޮށްދޭން ރައީސް އޮފީހަށް ވަރަށް ގިނަ ފަހަރު އަންގާފައިވާ ކަމަށެވެ.

”އެކުއެކީގައި މިއަދު މި ބޭއްވުނު ފަސް ޝަކުވާގައި އިދާރާއިން އަމަލުކޮށްފައިވާ ގޮތްތަކަށް ބަލާއިރުގައި އިދާރާއިން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ފުރަތަމަ ބައްދަލުވުމުގައި ފޯރުކޮށްދިނުމަށް އެދި ފުރުސަތު ދިނުމަށްފަހު ޖަވާބު ދިނުމަށް އެންގޭ އެންގުމަށް އިދާރާއިން އެއްގޮތަކަށްވެސް އަމަލުކޮށްފައި ނުވާ ނުވުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމުގައި ބެލެވޭފަދަ އަމަލެއް،“ އާހިދު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުންތަކުގައި އާހިދު ވަނީ އެ ފަސް މައްސަލާގައި ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި ޖަވާބު ނުދީ، އެކަމަށް 45 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފި ނަމަ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.