ވޯލްޑް
ކަޕް

ފްރާންސްގެ ކުޅުން ”ދަށް“ ކަމަށްބުނެ އެމްބާޕޭ ރުޅިގަދަވެފައި 

ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސް ކެޕްޓަން އެމްބާޕޭ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން 2-0 އިން ބަލިވެ މުބާރާތުން ކެޓުމުން، ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އޭނާގެ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމެރިކާގެ ޓެކްސަސްގެ އާލިންގްޓަންގައި ކުޅުނު އެ މެޗަށްފަހު ވާހަކަދައްކަވަމުން އެމްބާޕޭ ބުނިގޮތުގައި ފްރާންސް ބަލިވީ މެޗުގެ ކޮންޓްރޯލް ސްޕެއިނަށް ދޫކޮށްލައި، ކުޅުންތެރިންގެ ފަރާތުން ފެނުނު ފަރުވާކުޑަ ނުވަތަ ”ސްލޮޕީ“ ކުޅުމުގެ ސަބަބުންނެވެ.

އެމްބާޕޭ ފާހަގަކުރީ، ޓީމުގެ ގޭމް ޕްލޭނާއި އެ ޕްލޭން ތަންފީޒުކުރުމުގައި ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. ހާއްސަކޮށް މެދުތެރެއިން ސްޕެއިންގެ ރޮޑްރީ އަދި ފަބިއަން ރުއިޒްއަށް ބޯޅަ ހިފަހައްޓައިގެން ކުޅެން މާބޮޑަށް ޖާގަ ލިބުނު ކަމަށް އޭނާ ބުންޏެވެ.

”މެދުތެރެއިން އަހަރެމެން ތިބީ ތިން ކުޅުންތެރިން، ސްޕެއިންގެ ދެ ކުޅުންތެރިންނާ ދެކޮޅަށް. އެކަމަކު ސްޕެއިނާ ދެކޮޅަށް އެއީ ވަރަށް އުނދަގޫ ކަމެއް،“ އެމްބާޕޭ ބުންޏެވެ. ”ފަބިއަން އަދި ރޮޑްރީއަށް ކުޅެން ބައިވަރު ވަގުތު ލިބުނު. ޕްރެސް ކުރުމުގައި މުއާމަލާތް ކުރުމުގެ ދަތިތަކެއް ހުރި. އަހަރެން ދެކޭގޮތުގައި އަހަރެމެން ޖެހޭނީ މޭން-ޓު-މޭން ޕްރެސްކޮށް، އެމީހުން ދުއްވަން.“

މި މެޗުގެ 22 ވަނަ މިނެޓުގައި ލަމިން ޔަމާލަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔާޒަބަލް ސްޕެއިނަށް ކުރި ހޯދައިދިން އިރު، ދެވަނަ ހާފު ފެށުނުތާ މާގިނަ އިރެއް ނުވަނީސް ޕެޑްރޯ ޕޯރޯ ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ފްރާންސުން މެޗުގެ ތެރެއަށް އެނބުރި އައުމަށް ޑިޒައިރޭ ޑޫއޭ އަދި ރަޔަން ޗާކީ ފަދަ ކުޅުންތެރިން ނެރުނު ނަމަވެސް، ސްޕެއިންގެ ކޮންޓްރޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ރެއާލް މެޑްރިޑްގެ ފޯވާޑް އެމްބާޕޭ އިތުރަށް ބުނީ، ބޯޅަ ހޯދުމަށްފަހު ފުރުސަތުތަކުގެ ބޭނުން ހިފުމުގައި ޓެކްނިކަލް ގޮތުން ޓީމު ވަރަށް ބަލިކަށި ކަމަށެވެ. ”އަހަރެމެން ބޭނުންވި ގޭމެއް ނުކުޅެވުނު. ވޯލްޑް ކަޕް ސެމީ ފައިނަލެއްގައި ކުރަންޖެހޭ ކަންތައް ނުކުރެވޭނަމަ މޮޅެއް ނުވާނެ،“ އޭނާ ބުންޏެވެ.

މި މުބާރާތުގައި އަށް ގޯލު ޖަހައިގެން ރަން ބޫޓުގެ ރޭހުގައި އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއްވަރަށް ކުރީގައި އޮތް އެމްބާޕޭއަށް މި މެޗުގައި ގޯލެއް ނުޖެހެއެވެ. މިއީ ފްރާންސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް ހުރަސް އެޅުނު މެޗެވެ.

ކެޕްޓަނެއްގެ ހައިސިއްޔަތުން ހުރިހާ ޒިންމާއެއް ނަގާ ކަމަށް ބުނަމުން އެމްބާޕޭ ބުނީ، ޓީމުގެ އަމާޒަކީ ފައިނަލަށް ދިއުން ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށެވެ.

ފްރާންސް ދެން ކުޅެން ޖެހޭނީ އަންނަ ހޮނިހިރު ދުވަހު ފްލޮރިޑާގެ މިއާމީ ގާޑަންސްގައި އޮންނަ ތިންވަނަ ހޮވާ މެޗުގައެވެ. އެ މެޗުގައި ފްރާންސް ބައްދަލުކުރާނީ މިރޭ ކުޅޭ އާޖެންޓީނާ އަދި އިންގްލެންޑްގެ ސެމީ ފައިނަލުން ބަލިވާ ޓީމަކާއެވެ.