ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ފަހުވަގުތު ޖެހި ގޯލުތަކުން އިންގްލެންޑް ކަޓުވާލައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި އިންގްލެންޑްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އަތުން ޖެހި ގޯލު ހިމެނޭގޮތަށް މީގެ ކުރިން ވެސް އިންގްލެންޑަށް އެންމެ ބޮޑު މާޔޫސްކަމެއް ވޯލްޑް ކަޕްގައި ލިބިގެން ގޮސްފައިވަނީ އާޖެންޓީނާ އަތުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ފިޒިކަލް ހާފެއްގެ ގޮތުގައެވެ. ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެންދިޔަ އިރު، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ފެނިގެންދިޔައެވެ.
މެޗުގައި އިންގްލެންޑް މިޑްފީލްޑަރު އެލިއޮޓް އެންޑަސަން ވަރަށް ބޮޑަށް އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ މާކްކޮށްގެން ކުޅެމުން ދިއުމުން، ފުރުސަތުތައް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަދި އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަށް ވެސް ރަނގަޅު ކުޅުމެއް ދެއްކިފައިނުވުމުން، އިންގްލެންޑަށް ވެސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑުން އެންމެ ފާހަގަކޮށްލެވެނީ ރީސް ޖޭމްސް ފޮނުވާލި ހިލޭ ޖެހުމެކެވެ. އެ ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިތާ މިިނެޓެއް ތެރޭ އާޖެންޓީނާއަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެ ދެ ފުރުސަތު ވެސް ލިބިގެންދިޔައީ އާޖެންޓީނާ ފޯވަޑް ޔޫލިއަން އަލްވަރޭޒްއަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަލްވަރޭޒް ފޮނުވާލި އެ ދެ ހަމަލާ ވެސް އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.
މެޗުގެ 55 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. މޯގަން ރޮޖާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެންތަނީ ގޯޑަން އެވެ.
އިންގްލެންޑްގެ އެ ގޯލާއެކު އާޖެންޓީނާ އިން ވަރަށް ބޮޑަށް ކުރިއަށްޖެހި ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. އެގޮތުން ހައިޑްރޭޝަން ބްރޭކްގެ ކުރިން އާޖެންޓީނާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނިކޮލަސް ގޮންޒާލޭޒް އަށެވެ. ކެޕްޓަން ލިއޮނެލް މެސީ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ގޮންޒާލޭޒް ބޮލުން ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ހައިޑްރޭޝަން ބްރޭކަށްފަހު އާޖެންޓީނާ އިން ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އެލެކްސިސް މެކެލިސްޓާއަށް ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، ގޮންޒާލޭޒްއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. އެ ތިން ނުރައްކާ ވެސް ފެނިގެންދިޔައީ ހުރަސްތަކަކުންނެވެ. ނަމަވެސް އެއިން އެއްވެސް ބޯޅައެއް އިންގްލެންޑް ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، އާޖެންޓީނާ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އާޖެންޓީނާއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މެސީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލައުޓާރޯ މާޓިނޭޒްއެވެ.
ފައިނަލުގައި އިންގްލެންޑް ނުކުންނަން ޖެހޭނީ ސްޕެއިންއާ ދެކޮޅަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑް ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ.


