ރާއްޖޭގެ ވަޒީފާގެ ބާޒާރާއި މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއާ ޑިވެލޮޕްމަންޓްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ”މައި ކެރިއާ ޕޯޓަލް“ ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފުތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ދާއިރާއަށް ޒަމާނީ އަދި ހަލުވި ހައްލުތަކެއް ހޯދައިދިނުން ކަމަށެވެ.
”ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ތަރުތީބުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާގެ އިސްވެރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ މި ދާއިރާއަށް ހަލުވިކަމާއި ޒަމާނީ ހައްލުތައް ހޯދައިދިނުމަށް. އެގޮތުން، ނޭޝަނަލް ކެރިއާ ސާވިސްގެ ފަރާތުން މިއަދު އިފުތިތާހުކުރެވުނު ’މައިކެރިއާ ޕޯޓަލް‘ އަކީ، ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހަމަޔަގީނުންވެސް ގެނެސްދޭނެ ސޮލިއުޝަނެއް،“ އިހުސާން ވިދާޅުވި އެވެ.
ނޭޝަނަލް ކެރިއާސް ސާވިސް (އެންސީއެސް) އިން ތަރައްގީކޮށްފައިވާ މި ޕޯޓަލް ހެދުމަށް ފަންޑު ކޮށްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ”ސެއިލްސް“ ޕްރޮޖެކްޓުންނެވެ.
މިއަދު އިފުތިތާހުކުރި ޕޯޓަލްގައި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، މުސްތަގުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި:
- ކެރިއާ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނު ލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދެ. އަދި މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ ’އެކްޝަން ޕްލޭން‘ ތައް މޮނިޓާ ކުރެވޭނެ އިންތިޒާމު މި ޕޯޓަލް މެދުވެރިކޮށް ހަމަޖެހިފައިވޭ
- ކެރިއާ ޕާތުވޭ ޑިޒައިނާ: މިއީ ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭ ބައިވެރިއެއް
- މައިލްސްޓޯން ޓްރެކާ: މީހާގެ ތައުލީމީ ފެންވަރާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެއް. މީގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި ތަރައްގީކުރަންޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެ
- ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުސަތުތައް އިއުލާންކުރުމާއި މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭ
ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެ އެވެ.


