ކީރިތި ރަސޫލާއަށް ނަފުރަތުކުރާ މީހުންނަކީ މާތް ﷲ ނިކަމެތިކުރައްވައި ވޭންދެނިވި އަޒާބު ދެއްވާނޭ ބައެކެވެ.

ކީރިތި ރަސޫލާއަށް ނަފުރަތުކުރުމާއި ކުޑައިމީސް ބަސްބުނެ، ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަން ކަމަށާއި އެ ފަދަ މީހުންނަކީ މާތް ﷲ ލައުނަތްލައްވައި ނިކަމެތިކުރައްވައި ވޭންދެނިވި އަޒާބުދެއްވާނޭ ބައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ.

”މާތް ނަބިއްޔާދެކެ ލޯބިވުން“ މި މައުޞޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ނަބީކަމާއި ރަސޫލުކަމާއިގެން މާތް ނަބިއްޔާ ފޮނުއްވުމުގެ ކުރީގައި ދުނިޔޭގައި އޮތީ ޖަންގަލީގެ ގާނޫނު ކަމަށާއި އޭރު ވިޔަފާރި މުދަލެކޭ އެއްފަދައިން ބާޒާރުގައި އިންސާނުން ގަނެވިއްކި ކަމަށެވެ. އޭރު އަނިޔާވެރިކަން ބޮޑުވެ, އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި ރާބުއިމާއި ޖުވާކުޅުމާއި ރިބާގެ މުއާމަލާތްތައް ފަދަ މުންކަރާތްތައް ފެތުރިފައި އޮތްއިރު, އެފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި، މާތް الله ފޮނުއްވި ރަސޫލުބޭކަލަކީ، މާތް ނަބިއްޔާ ކަމަށެވެ.

އެކަލޭގެފާނު ފޮނުއްވުނީ އާލަމްތަކަށް ރަހުމަތެއްކަމުގައާއި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައިކަން ފާހަގަކޮށް ހުތުބާގައި ބުނީ, މި އުންމަތުގެ މާތް ސާހިބާއަކީ ތަގުވާވެރީންގެ އިމާމެއްގެ އިތުރުން ރަސޫލުކަމާއި ނަބީކަން ހަތިމުކުރެއްވި މާތް ސާހިބާ ކަމަށެވެ. އަދި ގިޔާމަތް ދުވަހުން ހަމްދުލިބިގެންވާ މަޤާމާއި ޙައުޟޭ ކިޔުނު ފެންއާރުގެ ވެރި ސާހިބާއަކީވެސް އެކަލޭގެފާނު ކަމަށާއި އެބޭކަލަކަށް ޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ ސާހިބާއަކީވެސް އެއީ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ކައުއިތުރު މާތް ނަބިއްޔާއަށް އީމާންވުމުގެ މާނައަކީ، އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް، އިހުތިރާމް އަދާކުރުން ކަމަށެވެ. އަދި އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް އެބަހީ: އެކަލޭގެފާނުގެ ސުންނަތަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި އަހަރެމެންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތަކާ ކުރިމަތިވެވަޑައިގަތް ކަމަށެވެ. ނަމަވެސް މާތް الله އެ ފަދަ ފުރައްސާރަވެރީން ނިކަމެތިކުރައްވައި، އެކަލާނގެ ނަބިއްޔާއަށް ނަސްރުދެއްވި ކަމަށް ބުންޏެވެ.

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށާއި އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދައްކަވައިދެއްވި އަހުލާގީ ރިވެތި މިންގަނޑުތަކަށް ތަބާވުން ކަމަށެވެ.

އަދި އެކަލޭގެފާނު ދެކެ ލޯބިވާ މީހާ، ޢިބާދާތާއި މުއާމަލާތާއި އަހުލާގިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލަންޖެހޭ ކަމަށާއި ކީރިތި ރަސޫލާއަށް ކިޔަމަންގަތުމަކީ ސުވަރުގެވަދެވޭން އޮތް މަގެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.