ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ އަލަށް އުފަންވި 15 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ މައި ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލަށް އުފަންވި 15 ތުއްތު ކުދިން މަރުވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ އިސްލާމްއާބާދުގައި ހުންނަ އެންމެ ބޮޑު އަދި އެންމެ ވަސީލަތްތައް ފުރިހަމަ ސަރުކާރު ހޮސްޕިޓަލް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް)ގެ ގައިނަކޮލޮޖީ ވޯޑުގައެވެ.

ޕާކިސްތާނުގެ ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާން ރޯވި ވަގުތު ގައިނަކޮލޮޖީ ވޯޑުގައި އަލަށް އުފަންވި 16 ކުދިން ތިއްބެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ސަލާމަތްކޮށްފަ އެވެ.

އަލިފާނުގެ ހާދިސާގައި މަރުވި ކުދިންގެ އަދަދު ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ޕިމްސްގެ ތަރުޖަމާނު ޑރ. އަނީޒާ ޖަލީލް ”ޑޯން“ ނޫހަށް ވިދާޅުވީ އަލިފާން ރޯވި ވޯޑުގައި ތިބީ 15 ތުއްތުކުދިން ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އަލިފާން ރޯވާން ދިމާވީ ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި އަލިފާން ރޯވީ ހެނދުނު ގާތްގަނޑަކަށް 7:00 ހާއިރު ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.