އެމްޑަބްލިޔުއެސްސީން އޭނާގެ އަތުން ބޯޓެއް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ދޮގުކުރައްވައިފި އެވެ.
މި ފަހުން ސޯޝަލް މީޑިއާގައި ވަނީ އެމްޑަބްލިޔުއެސްސީން 900،000 ރުފިޔާގެ ބާ ލޭންޑިން ކްރާފްޓެއް 17 މިލިއަން ރުފިޔާއަށް ފަލާހު އަތުން ގަނެ، މަރާމަތަށް އިތުރު 1.8 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ބުނާ ވާހަކަތަކެއް ފެތުރިފަ އެވެ. އެ ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ދޮގުވެސް ކުރައްވައިފަ އެވެ.
އެ ވާހަކައަށް ރައްދުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، އޭނާއާ ގުޅުވައިގެން ދައްކާ ކޮރަޕްޝަންގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށެވެ. އަދި އެ މައްސަލަ ބަލާއިރު މުޅި ރާއްޖެއަށް ފެންނަ ގޮތަށް ލައިވްކޮށް އެކަން ކުރުމަށްވެސް އޭނާ އެދުނެވެ.
ފަލާހު ވިދާޅުވީ އޭނާގެ ވައްކަމުގެ މައްސަލައެއް ނުފެންނާނެ ކަމަށާއި އެފަދަ މައްސަލައެއް ނުފެންނަނީ ވައްކަން ނުކުރާތީ ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން ވެސް އޭނާއާ ގުޅޭ ގޮތުން ވައްކަމުގެ މައްސަލައެއް ބަލަން އުޅުނު ކަމަށާއި ނަމަވެސް ވެރިކަން ނިމިދިޔައިރުވެސް އެކަން ނުބެލުނު ކަމަށް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެން މީ ވައްކަންކޮށްގެން އުޅޭ ބައެއްނޫން ރައީސް، އަޅުގަނޑުމެން ހަލާލު މަސައްކަތްކޮށްގެން ލާރި ހޯދަނީ، ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ތެދުވެ ޖަމާއަތުގައި ނަމާދު ކޮށްގެން ހެނދުނުން ފެށިގެން ގޮސް ރޭގަނޑު ބާރަޖަހަންދެން މަސައްކަތުގައި އުޅެނީ، ހަލާލު މަސައްކަތް ކޮށްގެން ލާރި ހޯދަނީ،“ ފަލާހު ވިދާޅުވި އެވެ.


