ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ބިލު ފާސްކޮށްފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދުަ ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.

ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކުރި އިރު، ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.