ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ’ހަފްތާ‘ އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 17 ނޮވެންބަރު 2023 ގައި އެޑްވައިޒަރަކަށް އައްޔަން ކުރެއްވި ހަލީލަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ ކުންފުނި, ޕަލްސްގެ މެނޭޖިން ޑިރެކްޓަރެވެ. އޭގެ އިތުރުން އޭނާއަކީ މަންތާ އެއާގެވެސް ހިއްސާދާރެކެވެ.
ހަލީލް ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރުން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލާ ދެކޮޅަށް ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ތެދުވެފަ އެވެ.
އެ އެސޯސިއޭޝަނުން ބުނި ގޮތުގައި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.


