ބައެއް ރަށްރަށަށް ކަރަންޓާއި ފެނުމުގެ ހިދުމަތް ދޭން ސަރުކާރުން އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަން އުވާލައި އެ ކުންފުނި ސްޓެލްކޯއާ އެއްކޮށްލައި، ގާ އަޅާ ކުންފުނި އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ އެމްޑީޕީގެ ސަރުކާރުން ފެނަކަ ’މިސްޔޫސް‘ ކޮށްފައިވާ މިންވަރު އޮޑިޓަރު ޖެނެރަލްގެ ރިޕޯޓުތަކުން ފެންނަން އޮތްއިރު، ފެނަކަ ރަނގަޅުކޮށް ހިންގުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށް ފަންނީ ބޭފުޅުން ވިދާޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އެހެންވީމާ، ސަރުކާރުން މިކަމާ ބެހޭގޮތުން ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކުރުމަށްފަހު މިހާރު ނިންމާފައި މި ވަނީ ކުރިންވެސް އަޅުގަނޑުމެން ނިންމި ނިންމުމެއް. އެކަމަކު އެކަމުގައިވެސް އެ ޕްރެކްޓިކަލީ ކުރިއަށް ގެންދިއުމުގެ ދަތިތައް ދިމާވެ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން ނިންމާފައި މިވަނީ ފެނަކާ ހުވާލުމަށްފަހު ސްޓެލްކޯއާ އެއްކޮށްލަން. ރާއްޖޭގައި، މުޅި ރާއްޖޭގައި ހިދުމަތް ދޭނީ ސްޓެލްކޯއިން. މަސައްކަތް މި ޕްރޮސެސް ނިމުނީމާ. އެހެންވީމާ، ފެނަކައިން ކުރަމުންދާ ހުރިހާ މަސައްކަތެއް ފެނަކައިގެ މުޅި މަސައްކަތްކޮށް ސްޓެލްކޯއަށް ބަދަލުކުރެވި، ފެނަކާ އެއްކޮށް އުވާލެވިގެންދާނެ،“ ރައީސް ވިދާޅުވި އެވެ.
އާރުޑީސީ އުވާލަން ނިންމި ސަބަބާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އާރުޑީސީން މައިގަނޑު ގޮތެއްގައި ކުރަނީ މަގު ހެދުމުގެ މަސައްކަތަށްވާއިރު، އެމްޓީސީސީއަކީ މަގު ހެދުމުގެ އިތުރުން އެހެން އުމްރާނީ މަސައްކަތްވެސް ކުރާ ކުންފުންޏެއް ކަމަށެވެ.
”ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމާ، އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާކުރުމަށްޓަކައި މި ބަދަލު މި ގެންނަނީ. އެހެންވީމާ، އާރުޑީސީ އުވާލެވި، އެމްޓީސީސީ އެއްކޮށްލެވި، އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑުކުރެވި، ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެންދާނެ،“ ރައީސް ވިދާޅުވި އެވެ.


