ކުންފުނިތައް އެއްކުރާއިރު މުވައްޒަފުން އިތުރަށް މަދުކުރާނެ: ރައީސް

އެމްޓީސީސީގެ މުވައްޒަފެއް ---

ބައެއް ކުންފުނިތައް އެއްކޮށްލަން ސަރުކާރުން ނިންމި ނިންމުމާއެކު މުވައްޒަފުން އިތުރަށް މަދުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށާއި ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ރައީސް ވިދާޅުވީ, ކުންފުނިތައް އުވާލުމާއި އެއްކޮށްލުމުގެ މަރުހަލާ ނިމިގެންދާއިރު އިތުރު މުވައްޒަފުން މަދުކުރެވޭނެ ކަމަށެވެ.

”އިތުރު މުވައްޒަފުން މި ޕްރޮސެސްގެ ތެރެއިން ނިމިގެންދާއިރުގައި މަދުވެސް ކުރެވިގެންދާނެ. އަދި އިތުރަށް މަދުވާނެ. މަދުކުރެވި ކުންފުނިތައް ސްޓެލްކޯވެސް, އެމްޑަބްލިޔުސީ ވެސް މި ޕްރޮސެސްގެ ތެރެއިން ފެނަކަ، ސްޓެލްކޯ އެއްވެގެންގޮސް ނިމިގެންދާއިރުގައި އަދި އާރުޑީސީ، އެމްޓީސީސީ އެއްވެގެން މާޖްވެގެންދާއިރުގައި ޕްރޮސެސްގެ ތެރެއިން ކުންފުނީގެ އެޗީވްކުރުމުގެ މަސައްކަތުގެ ތެރެއިން މުވައްޒަފުންވެސް އަދި މަދުވާނެ. އެހެންވީމާ، އެފިޝަންޓް, މުވައްޒަފުން މަދު ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް ހިންގަމުންދާނެ ގޮތަށް ބަދަލުތައް މި ގެނެވެނީ,“ ރައީސް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް އިއުލާން ކުރައްވައިފަ އެވެ.