މަދަނީ މައްސަލަތަކުގެ މަރުހަލާ އަވަސް ކުރުމަށް މަދަނީ އިޖުރާޢަތުގެ ޤާނޫނު އިސްލާޙުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، 3 ވަނަ ދައުރަށް މަޖިލީސް ހުޅުވުމާއެކު، ކޯޓުތަކާއި ބެހޭ ޤާނޫނަށް ބައެއް އިސްލާޙުތައް ހުށަހަޅުއްވާނެކަމަށެވެ.
”މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، މައްސަލަތައް އަވަސްކުރުމަށް މަދަނީ މައްސަލަތަކުގެ މަރުހަލާ ފަސޭހަކުރުމަށް މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާނަން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަދަނީ ކުދިކުދި މައްސަލަތައް ފަސޭހައިން ކޯޓަށް ހުށަހެޅޭ ގޮތަށް، އަވަހަށް މައްސަލަތައް ހައްލުކުރުމަށް ކޯޓެއް ޤާއިމްކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށެވެ. އަދި ވިޔަފާރިތަކާއި ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށް އިސްލާޙުތަކެއް ހުށަހަޅުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލްވުމަށް ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ޤާއިމްކުރުމަށް ނުވަތަ ވަކި ކޯޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ނިޒާމް ޚަރަދު ކުޑަ ނިޒާމަކަށް ބަދަލުކުރުމަކީ އަމާޒެއްކަމަށެވެ. އަދި ޝަރުޢީ ނިޒާމު މިނިވަންކުރުމަށާއި އެ ނިޒާމު ހަރުދަނާކުރުމަށް މިހާތަނަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ ޝަރުޢީ ދާއިރާގެ ބަޖެޓް އެއްކޮށް ވަކިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާގެ ބަޖެޓް ބޮޑުކޮށްދިނުމުގެ އިތުރުން، ޝަރުޢީ ދާއިރާއިން ބޭނުންވާ ގޮތަށް އެ ދާއިރާ މިހާރު މިނިވަންކޮށްފައިވާކަމަށެވެ.
ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމަށް ބަޔަކާއެކު ސޮއިކޮށް، އެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ ހިންގުން ހުއްޓިފައި ވަނިކޮށް އެ ދެ ކޯޓަށް ޚާއްސަ އިމާރާތެއް އަޅައިދީ، އެ ކޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސީވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ.


