ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދީފި އެވެ.
މި ހަތަރު މީހުންނަށް ނަސޭހަތް ދިނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން، ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވުމާއެކު، އަމަލުތައް ތަކުރާރުވެއްޖެނަމަ ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދޭނެ އެވެ.
އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ މީހަކު ހާޒިރުކޮށް ނަސޭހަތް ދިނީ އިއްޔެ އެވެ.
ފުލުހުން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފައިވަނީ 18 އަހަރު މީހަކަށާއި 20 އަހަރުގެ ދެ މީހަކަށް އަދި 22 އަހަރުގެ މީހަކަށް ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
18 އަހަރުގެ މީހާގެ ރެކޯޑްތައް:
- ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވުން
- މަގުތަކުގައި ޒިގްޒެގްކޮށް މަގު ހުރަސްވާގޮތަށް ބާރު ސްޕީޑުގައި ދުއްވުން
- މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުން
- އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން
- އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވުން
20 އަހަރުގެ އެކަކުގެ ރެކޯޑްތައް:
- ވަންވޭއާ ހިލާފަށް ދުއްވުން
- މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުން
- ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވުން
- އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުން
- ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ގަވާއިދާ ހިލާފަށް ދުއްވުން
- ސްޓިކާގެ އަދަދު ހަމަވެފައިވަނިކޮށް ދުއްވުން
20 އަހަރުގެ އަނެއް މީހާގެ ރެކޯޑް:
- ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުން
- އަހަރީ ހަމަވެފައިވަނިކޮށް ދުއްވުން
- އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހަތަރު މައްސަލަ
- އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވުން
- ނުރައްކާތެރިކޮށް ދުއްވުން
22 އަހަރުގެ މީހާގެ ރެކޯޑްތައް:
- އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން
- ވަންވޭއާ ހިލާފަށް ދުއްވުން
- އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުން
- ސައިކަލު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުން
- ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުން
- މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުން
- ސައިލެންސަރު އަޅުވައިގެން ދުއްވުން
- މަނާ ތަންތަނުން ޔޫޓާން ނެގުން
- ރަޖިސްޓްރީ ކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ހުއްދަނެތި ދުއްވުން
- ސައިލެންސަރުން އަޑުގަދަކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މޮޑިފައިކޮށްގެން އެއްގަމު އުޅަނދު ދުއްވުން


