ރަސްމާލޭގައި ހިންގާ މެރީނާ މަޝްރޫއުއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް!

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން ހަވާލުކުރި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު އަދި ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބް ---

ފުށިދިއްގަރު ފަޅުގައި މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މެރީނާ މަޝްރޫއުއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ ހުރި ބޮޑެތި ކަންބޮޑުވުންތައް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ހިއްސާކޮށްފައިވާ ކަމަށް އިލްމުވެރިންގެ ޖަމިއްޔާ, އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ.

އިލްމުވެރިންގެ ގުޅުމުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޝަހީމް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި, ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ބޭރު މީހުން ރަށްވެހިވެ, ރާއްޖާގެ އިސްލާމީ ވަހުދަތާއި ސިޔާދަތާއި މިނިވަންކަމާއި އިގުތިސާދީ އަމިއްލަވަންތަކަމާއި ދިވެހި ސަގާފަތަށް ކޮށްފާނެ ނުރައްކާތެރި އަސަރުތަކާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް, އެ ހުރިހާ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުގައި އެދިފައިވާނެ ކަމަށް ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ, އެ ކަންބޮޑުވުންތައް އެ ޖަމިއްޔާއިން ހުށަހަޅާފައިވަނީ އިލްމުވެރިންގެ ގުޅުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްކޮށްފައިވާ ގިނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.