ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން ކައިވެނިކުރި ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގެ ސްނެޕްޝޮޓުތަކުން ފެންނަނީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން ކައިވެންޏެއް ކުރާ މަންޒަރެވެ. އޭރު ކައިރީގައި އެ ރިސޯޓުގެ ބައެއް ފަތުރުވެރިންވެސް ތިބެ އެވެ. ބެލެވޭ ގޮތުގައި މިއީ ރަމްޒީ ކައިވެންޏެކެވެ.
އެކަމާއި ގުޅޭ ގޮތުން ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކުރަމުން ދަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, އެ އަމަލަކީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށްވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި, ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި ރިސޯޓްތަކާއި ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންވެސް މިފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ, އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަންވެސް ހަނދާންކޮށްދީފަ އެވެ.


