”ގިނަ ބަޔަކު އެ ދެ ނިއުމަތަކާމެދު ގާފިލު ވެފައިވާ ދެ ނިއުމަތެއްވެ އެވެ. އެއީ ސިއްހަތާއި ހުސް ވަގުތެވެ“

ސިއްހަތާއި ހުސްވަގުތަކީ ގިނަ ބަޔަކު އެ ދެ ނިއުމަތަކާ މެދު ގާފިލުވެފައިވާ ދެ ނިއުމަތް ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ޞިއްޙަތަށް ފަރުވާތެރިވުން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ދުޅަހެޔޮ ޞިއްޙަތަކީ މާތް الله ދެއްވައިފައިވާ މަތިވެރި ނިއުމަތެއް ކަމަށާއި އިންސާނާގެ ނަފުސަކީ މާތް الله ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށެވެ. އެގޮތުން އެއްވެސް އިޚުތިޔާރަކާ ނުލައި، ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދު ވެސް ހިނގަހިނގައި ހުންނައިރު, އެކަމުގެ އަގު ވަޒަންކުރެވެނީ، އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މާތް الله ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށް ފަހު، އެ ނިޢުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ ހަވާލުކުރެއްވި ކަމަށާއި ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫން ކަމަށާއި އެއީ މާތް الله އަށް ކުއްތަންވުމަށާއި ހެޔޮ ޢަމަލުކުރުމަށް ދެއްވައިފައިވާ އަމާނާތެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, ނަމާދުގައި ކޮޅަށް ހުރުމާއި މިސްކިތަށް ހިނގައިފައި ދިޔުމާއި މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި ބަލިމީހުންނަށް ގޮވައިލާން ދިޔުމާއި ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ، މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެއް ކަމަށެވެ. އެހެންކަމުން ރަނގަޅު ޙަލާލު ކާބޯތަކެތިން ހަށިގަނޑަށް ބާރު ލިބުމާ އެކު، އެ ބާރާއި ކުޅަދާނަކަން ހޭދަކުރެވެނީ ކޮންކޮން ކަންތައްތަކެއްގައިތޯ އަމިއްލަ ނަފުސާ ސުވާލުކުރުމަށް ހުތުބާގައި ގޮވާލި އެވެ.

ހުތުބާގައި ވަނީ, މިއަދު ފުރިހަމަ ސިއްޙަތެއްގައި ހުރެ، ހެޔޮ ޢަމަލުކުރުމަށް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން ނުހިފައި، ފަރުވާކުޑަކޮށްލެވެނީ ކިތައްކިތައް މީހުންނަށްތޯ ސުވާލުކޮށްފަ އެވެ. އަދި މާދަމާ މާތް اللهގެ ޙަޟްރަތުގައި ހުއްޓި ހުންނަ އިރު، އެކަލާނގެ އަމާނާތެއްގެ ގޮތުގައި ދެއްވި ޞިއްޙަތާއި، ދެއްވި ވަގުތާއި، ހަށިގަނޑުގައި ލެއްވި ބާރުގެ ބޭނުންކުރި ގޮތާ މެދު ދޭނީ ކޮން ޖަވާބެއްތޯވެސް ސުވާލުކުރި އެވެ.