އީކޯ ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ ރަސްމާލެއަކީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނުކުފާނު މިހެން ވިދާޅުވީ ޔޫއޭއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ތަޤުރީރުކުރައްވަމުންނެވެ.
ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރުގައި އައު ގޮތްތަކާއި އީޖާދުތައް މުހިއްމު ދައުރެއް އަދާކުރާނެކަމަށެވެ.
އެގޮތުން ސަރުކާރުން އީކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ރަސްމާލެއަކީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުއެއްކަންވެސް ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތަކެއް ޤާއިމްކުރަން ނިންމާފައިވާކަން ފާހަގަކުރައްމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އަރބަން ސެންޓަރުތަކަކީ ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރަށްޓެހިގޮތަކަށް ހިންގާ ސެންޓަރުތަކެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދުގެ ދުނިޔޭގައި އަރޓިފިޝަލް އިންޓެލިޖެންސަކީ އުފެއްދުންތެރިކަން އިތުރުކަން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ޓެކްނޮލޮޖީއެއްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަރޓިފިޝަލް އިންޓެލިޖެންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އިޤްތިޞާދު ފުޅާކޮށް، އިންވެސްޓަރުންނަށް ފަހު މާހައުލެއް ޤާއިމްކުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ ”ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް“އެވެ.



