ނޮވެމްބަރ 25, 2024

ޑޮލަރުގެ އަގު ހަމައަކަށް އެޅެން ފަށައިފި، އިތުރު ފިޔަވަޅު ތަކާއެކު އިތުރަށް އަގު ވެއްޓޭނެ: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއެކު އެޅުއްވި އަވަސް ފިޔަވަޅުތަކާއި ކުރެއްވި ބުރަ މަސައްކަތްޕުޅުން ޑޮލަރު ރޭޓު ހަމައަކަށް އެޅެން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލުމުގެ ސަބަބުން ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.

ސައީދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ އެ ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އޮތް އުދަނގޫ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އެހީއަކަށްވެފައިވާ ކަމަށެވެ.

”ރޯދަމަހާއި އުމްރާ އަދި އިމްޕޯޓް އިތުރުވުމާއެކު ހުރި ގޮންޖެހުންތަކާއެކުވެސް ޑޮލަރުގެ ރޭޓު ހަމައަކަށް އެޅެން ފަށައިފި. ކުރިއަށް އަޅަން ހުރި ފިޔަވަޅުތަކާއެކު ޑޮލަރުގެ ރޭޓު އިތުރަށް ވެއްޓޭނެ ކަމަށް ލަފާކުރެވޭ،“ ސައީދުގެ ޕޯސްޓުގައިވެ އެވެ.

ހުސްވި މަހުގެ ތެރޭގައި ސައީދު ވަނީ ޑޮލަރުގެ އެކްސްޗޭންޖު ރޭޓު ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ހަމަޔަކަށް އެޅިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރީ ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ހާލަތު ދަންމާލައި ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.