އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގއ. ދާންދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ވާދަކުރައްވާ ނިޝާމާ މުހައްމަދު އެ ޓިކެޓް ދޫކޮށްލައްވައި، ސަރުކާރު ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ފަޒީލްއާ ސަލާން ކުރައްވަނިކޮށް ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާ އެކު، ފޭސްބުކްގައި ރޭ ނިޝާމާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާއަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަދި މަޖިލިސް އިންތިހާބާ ދެމެދު އޮތް މަދު ދުވަސްކޮޅުގެ ނުކުމެވަޑައިގެން ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި އެއްބާރުލުން އަދި ތަރުހީބު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
”ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ހަރަދުތަކެއް ކުރަންޖެހެއެވެ. ވަގުތު ނެތުމާއި އަދި ފަންޑުވެސް ނެތުމާއެކު، އެދެވޭ ނަތީޖާއެއް ލިބިދާނެ ކަމަށް އަޅުގަނޑަށް އުއްމީދެއް ނުކުރެވެއެވެ،“ ޓިކެޓް ދޫކޮށްލައްވަން ނިންމެވި ސަބަބު ނިޝާމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ހާލަތުގައި އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށް ވިސްނިވަޑައިގަތީ، މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުން ކަމަށެވެ. އެހެންވެ އެ ދާއިރާގައި އޭނާއަށް ތާއީދު ކުރާ، ދާއިރާގެ ހުރިހާ މެމްބަރުން ވެސް ފަޒީލަށް ތާއީދު ކުރުމަށް ނިޝާމާ ވަނީ އެދިވަޑައިގެންފަ އެވެ.
ނިޝާމާއަކީ ޖޭޕީގެ ކައުންސިލް މެންބަރެއްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން