ރ. އަލިފުށީގައި ހަދާ އާ ހޮސްޕިޓަލްގެ މަޝްރޫއުގައި އަނެއްކާވެސް ސޮއިކޮށްފި އެވެ.
އަލިފުށީގައި 30 އެނދުގެ އާ ހޮސްޕިޓަލް އިމާރާތް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް އެންމެ ފުރަތަމަ ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާއެވެ. އެއީ 30 މެއި 2022 ގައެވެ.
އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ހިންގަން ނިންމި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާތީ އެކަމަށް ކޮންޓްރެކްޓަރު ވެސް ހޯދީ އެ ބޭންކުންނެވެ.
ނަމަވެސް މިދިޔަ ސަރުކާރުން ވަނީ އެ މަސައްކަތް އަވަސް ކުރުމަށް 3 އޭޕްރިލް 2023 ގައި ޗައިނާގެ ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދޭ އޭޖެންސީ ކަމަށްވާ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ)އާ ހަވާލުކޮށްފަ އެވެ.
ނަމަވެސް ހެލްތް މިނިސްޓްރީން މިއަދު ވަނީ އަލިފުށީގައި ހަދާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައި ކަމެއް އަދި ކުރި ނަމަ ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިނިސްޓްރީން ނުބުނެ އެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އަލިފުށި ހޮސްޕިޓަލް ހަދަން އެމްޓީސީސީއާ ހަވާލުކުރީ 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި އަގަކީ އިންޑިއާގެ ކުންފުންޏާ ހަވާލުކުރި އަގަށްވުރެ 754 މިލިއަން ހެޔޮ އަގެކެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އަލިފުށި ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއެއް ހިމަނައިގެން ހަދާ ހޮސްޕިޓަލެއް ކަމަށެވެ.
އަދި އެ ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް، ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
ބަޖެޓުގައި ނެތަސް ފަށާނެ ކަމަށް ބުނި ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން
އެމްޓީސީސީގެ ސީއީއޯއަކަށް ފުލުހުންގެ ކުރީގެ ޑީސީޕީ ސައުދީ އައްޔަންކުރައްވައިފި
އެމްޓީސީސީގެ އެމްޑީގެ މަގާމުން ޒިޔާދު ވަކިކޮށް ސްޓޭޓް މިނިސްޓަރުކަން ދީފި
މަސައްކަތް ފަށައިފައިވާ މަޝްރޫއުތައް މަޑުޖައްސާލަން އަންގާފައިނުވާނެ: މުއްތަލިބު
އާރުޓީއައިގެ ދަށުން ސަރުކާރުގެ ކުންފުނިތަކަށް މައުލޫމާތު ދޭން ލާޒިމުވާނެ: ސުޕްރީމް ކޯޓު
އާރްޓީއެލް ފެރީގެ ރޫޓުތައް ބަދަލުކުރަން ޖެހިދާނެ: އާދަމް ޝަރީފް