ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފަސް ޖެހިވަޑައިގަންނަވާނެ ބަޔަކަށް ވެގެން ނުވާނެ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބެ އެވެ.
އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އުއްމީދަކީ 20 ވަނަ މަޖިލީހަކީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ ހެވާއި ލާބައަށާއި ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެންނާނެ މަޖިލީހަކަށްވުން ކަމަށެވެ.
”ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާއިރު, މިއަދުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި މި ޕާޓީން ޔަގީން ކުރަމެވެ.“ އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.



