ހުޅުމާލޭގައި ވެއާހައުސިން ކޮމްޕްލެކްސް އެއް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. މަޝްރޫއު ހަވާލުކުރި ހޮންގް ކޮންގްގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮން އެވެ.
އެ ކުންފުންޏަކީ ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން ހުޅުމާލެ ފޭސް 2 ގައި ހެދި 15 ބުރީގެ ދެ ޓަވަރު ހަދަން ހަވާލުކުރި ކުންފުންޏެވެ.
އެޗްޑީސީން ބުނީ، އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެން ހަދާ އެ ކޮމްޕްލެކްސްގައި އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހުންނާނެ ކަމަށެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނޭނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމްވެސް އެ ވެއާހައުސްގައި ހިމެނޭއިރު އެތަން ހަދައި ނިންމަން ދީފައިވަނީ ދެ އަހަރު ދުވަހެވެ.
ސޮއިކުރުމަށް އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ ޒަމާނީ ވަސީލަތް ތަކާއެކު ހަދާ އެ ކޮމްޕްލެކްސް އަކީ އިންޑަސްޓްރީއަށް އަންނަ އިންގިލާބީ ބަދަލެއް ކަމަށާއި އޭގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ކުރިއެރުން ލިބޭނެ ކަމަށެވެ.
އެޗްޑީސީން ބުނީ، ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސްވާނެ ކަމަށްވެސް ބުންނެވެ.




ގުޅުންހުރި
ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް،
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި