މާލޭގައި މީހަކު ރަހީނުކުރުމަށްފަހު އަނިޔާކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އެ ދެ މީހުންގެ މައްޗަށް ކުރަނީ ރަހީނުކުރުމާއި ބްލެކްމެއިލް ކުރުމުގެ އިތުރުން ފޭރުމުގެ ކުށުގެ ތުހުމަތެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނީ އެ ދެ މީހުން ވެގެން މީހަކު ރަހީނު ކުރުމަށްފަހު ގެންގުޅެފައި ވަނީ ހ. ހޯގުޅާމަންޒިލުގައި ކަމަށެވެ. އެ ގޭ ތެރެއިން އަންހެން މީހާ ހައްޔަރު ކުރުމުން އެކަމުގައި އޭނާއާ ބައިވެރިވާ ފިރިހެން މީހާގެ މައުލޫމާތު ދިން ކަމަށްވެސް ބުންޏެވެ.
ފުލުހުން ކޯޓުގައި އިތުރަށް ބުނީ، މީހާ ރަހީނުކޮށްފައި ބެހެއްޓި ތަނުން ލަކުޑިބުރިއާއި ދަނޑިބުރި ފަދަ ތަކެތި ފެނުނު ކަމަށެވެ. އަދި މިއީ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭތީ އެ ދެ މީހުން ބަންދުކޮށް ދިނުމަށް ފުލުހުން އެދުނެވެ.
ފުލުހުންގެ ހެކިތަކަށް ބެލުމަށްފަހު ކޯޓުން އިއްޔެ ނިންމީ އަންހެން މީހާގެ ބަންދަށް 10 ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖެހުމަށެވެ. އެ މީހުން ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް ކޯޓުން ބުންޏެވެ.




ގުޅުންހުރި
ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި