ނޮވެމްބަރ 22, 2024

ފޭކް ސްލިޕް ފޮނުވައިގެން 172،000ރ. ގެ މުދާ ހޯދި މީހަކު ޖަލަށް

ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު، ފޭކް ސްލިޕް ފޮނުވައިގެން 172،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ހޯދި މީހަކު އެއް އަހަރާއި ފަސް މަހަށް ޖަލަށްލައި، އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ/ ދާގަނޑުކެކުރިގެ، ޝާފިއު ޝިހާބެވެ. އޭނާގެ މައްޗަށް ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ޝާފިއުގެ މައްޗަށް އެ ދެ ދައުވާ ކޮށްފައިވަނީ ޖޫން 2022 އިން ފެށިގެން އޮކްޓޫބަރު 2022 އާ ހަމައަށް އެކި ފަހަރުމަތިން ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން 172،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ނެގުމަށްފަހު ފިހާރައިގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައިގަ އެވެ.

ޝާފިއު ވަނީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށްވެސް އިއުތިރާފުވެފަ އެވެ. އަދި ކުށުގެ އަދަބު ޖަލު ހުކުމަކުން، ޖޫރިމަނާއަކަށް ބަދަލުކޮށް އޭނާ އެދުނެވެ.

ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު އިއްޔެ ހުކުމް ކުރެއްވީ، ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމުގެ ހެއްކެއް ޝާފިއުގެ ފަރާތުން ހުށަހަޅާފައިނުވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ޝާފިއުގެ ކުށުގެ ރިކޯޑަށާއި އެ ނޫން ހާލަތްތަކަށް ބަލާއިރު އަދަބު ދަރަޖަ މަތިވާންޖެހޭ ހާލަތެއް ނެތުމުންނާއި އޭނާ ދައުވާއަށް އިއުތިރާފުވެފައިވާތީ ގާޒީ ވަނީ އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށް ކުރައްވައިފަ އެވެ.

އެހެންވެ އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 11 މަހާއި 12 ދުވަހަށް އަދި ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާގައި ހަ މަހާއި ހަ ދުވަހަށް ޝާއިފު ޖަލަށް ލުމަށެވެ.

މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ 172،000ރ. ދެއްކުމުގެ ގޮތުން ކޮންމެ މަހަކު 34،413ރ. އަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުން ގޮސް މި އަހަރުގެ ޑިސެމްބަރުގެ ކުރިން ދައްކައި، ނިންމަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.