ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންގެ ޕާސްޕޯޓް ހިފަހައްޓައި ޖޫރިމާނާކުރެވޭނެ!

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު

ރާއްޖޭގައި ގަވާއިދާހިލަށް އުޅެމުންދާ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނާމެދު ވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ޝައްމާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ އިމިގްރޭޝަން ޤާނޫނުގެ 30ވަނަ މާއްދާގެ ދަށުށް ކުށެށް ކަމަށެވެ.

”އަދި އެފަދަ ފަރާތްތައް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން 50,000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވޭ،“ ޝަމްއާން ވިދާޅުވި އެވެ.

”އަޅުގަނޑު އިލްތިމާސް ކުރަނީ އެންމެހާ ފަރާތްތަކުން ވެސް އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް.“

ގަވާއިދާ ހިލާފަށް ވިޔަފާރިިކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށް ޝައްމާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި އެންމެ ފަހުން އެ އިދާރާ އިން އަތުލައިގަތް ގަވާއިދާހިލާފަށް އުޅެމުންދާ ބިދޭސީންނާމެދު ވެސް އަމަލު ކުރާނީ އެ ގޮތަށް ކަމަށް ވިދާޅުވެފައިވެ އެވެ.

އިމިގްރޭޝަނުން މިރޭ ބުނީ، ހުޅުމާލެ 1 ގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.