19 އަހަރާއި 39 އަހަރާއި ދެމެދުގެ ދިވެހިންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް އާސަންދައިން ބުނެފި އެވެ.
އާސަންދައިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމެނިފައިވާ, ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް, މިމަހުގެ އެއްވަނަ ދުވަހުން ފެށީގެން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާތަކަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން އާސަންދައިން ވަނީ 50 އަހަރުން މަތީގެ އުމުރުފުރާ އަދި އޭޕްރިލް 1 ވަނަ ދުވަހު ވަނީ 18 އަހަރުގެ ދަށުގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
މިއާއެކު މިހާރު ދިވެހި ހުރިހާ ރައްޔިތުންނަށް އާސަންދައިގެ ދަށުން މިހާރު މެޑިކަލް ޗެކަޕް ހެދެން ހުންނާނެ އެވެ.



