އިންޑިއާ 50 މިލިއަނުގެ ދަރަނި ފަސްކޮށްދީފި, ޗައިނާއިން ވެސް ފަސްކޮށްދޭނެ: ރައީސް

ރާއްޖެއިން، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އެ ގައުމުން ފަސްކޮށްދީފައިވާ ކަމަށާއި ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތަރައްގީގެ އެކި މަޝްރޫއުތަކަށް ރާއްޖެއިން ނަގާފައިވާ ލޯނުތައް ވެސް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާއިން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމަށް ހަގީގީ މިނިވަންކަން ލިބޭނީ ތިން ކަމެއް ހާސިލުވެގެން ކަމަށެވެ. އެއީ ގައުމުގެ އިގްތިސާދީ ސިޔާދަތު ޔަގީންވުމާއި އަމިއްލަވަންތަކަމުގެ ސިޔާދަތު ޔަގީންވުމާ އަދި ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު ޔަގީންވުން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މި ތިން ސިޔާދަތު ޔަގީންނުވާ ހާލަތެއްގައި އެ ގައުމެއްގައި މިނިވަންކަމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިގުތިސާދީ ސިޔާދަތު ޔަގީން ވާނީ ރާއްޖޭގެ ބޮޑުވެފައި އޮތް ބޭރުގެ ދަރަނި ދެއްކިގެން ކަމަށެވެ. އެކަން ހާސިލުކުރުމަށް ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

”ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، އޭގެ ކުރިން ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް ނުދައްކާ، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކާއި ލޯނުތަކުގެ އިންޓަރެސްޓް ނުދައްކާ ގޮތަށް ނިންމާ ދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި،“. ރައީސް ވިދާޅުވި އެވެ.

ޗައިނާގެ އިތުރުން ޔޫއޭއީ އިން ނަގާފައިވާ ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޗައިނާއާއި އިންޑިއާއަކީ، ރާއްޖޭގެ ތަރައްގީގެ ވަރަށް ބޮޑު ދެ ބައިވެރިން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އެ ދެ ގައުމާ އެކު ވަރަށް ގިނަ މަޝްވަރާތައް ކޮށްފައިވާ ކަމަށާއި ލޯނުގެ ކަންކަން ހަމަޖެއްސުމުގައި އެ ދެ ގައުމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށްޓަކައި ދެ ގައުމަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދަރަނީގެ ގޮތުގައި އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައިވާ ކަމަށާއި ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.