ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނާއި ތަން ކުއްޔަށް ދޭ މީހުންގެ އަތުން ފްލެޓް އަތުލާނެކަމުގެ އިންޒާރު ދީފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު --- ފޮޓޯ: މިހާރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް މަހުން މަހަށް ފައިސާ ނުދައްކާ މީހުންގެ އަތުން ފްލެޓް އަތުލާނެކަމުގެ އިންޒާރު ސަރުކާރުން ދީފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މާލެ ސަރަހައްދު އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ 20 ޕަސެންޓް މާފު ކޮށްދީފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓުގެ ވެރިފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ، އެ އެންގުމާ އެއްގޮތަށް ގިނަ ބަޔަކު އަދިވެސް ފައިސާ ދައްކަމުން ނުދާތީ އެ ފައިސާ ގަވާއިދުން ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

”އަދި ގަވާއިދުން ފައިސާ ދައްކަމުންނުދާ ފަރާތްތަކާއި ޔުނިޓް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓުތައް ބޭނުންކުރުމާއި ގަވާއިދާ ހިލާފަށް ތަނަށް ބަދަލުގެނައުމާއި ކުއްޔަށް ދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލަމުންދާ ވާހަކަ ދަންނަވަމެވެ. އެގޮތުން ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.“ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.