ސެޕްޓެމްބަރ 21, 2024

ރިޒުގު ތަނަވަސްވުމަށާއި އުމުރު ދިގުވުމަށް އެދޭ މީހާ، އޭނާގެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ.

ރިޒުގު ތަނަވަސްވުމަށާއި އުމުރު ދިގުވުމަށް އެދޭ މީހަކު، އޭނާގެ ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”އާއިލީ ގުޅުން ދެމެހެއްޓުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހަރުދަނާ މުޖުތަމައެއްގެ އަސާސަކީ އާއިލާތައް ކަމަށާއި އެހެންކަމުން އާއިލާއަކީ މުޖުތަމައުގެ ބިންގާ ކަމަށެވެ. އެ ބިންގާ ވަރުގަދަކުރެވިގެން ނޫނީ މުޖުތަމައު ބާރުވެރި ނުކުރެވޭއިރު، މިއަދު އިސްލާމީ އުންމަތް މި ވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމައަކަށް ނުހަނު ބޭނުންވެފައި ކަމަށް ބުންޏެވެ.

އާއިލާއެއް ފެށިގެން އަންނަނީ ކާވެނީގެ މަތިވެރި އަދި ބަދަހި ގުޅުމަކުންކަން ފާހަގަކޮށް ހުތުބާގައި ބުނީ އާއިލީ ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީންގެ ގުޅުމާއި ދެމަފިރިން އެކަކު އަނެކަކަށް އަދާކުރާންޖެހޭ ހައްގުތަކާއި ވާޖިބުތައް ކަމަށެވެ.

އޭގެ އިތުރުން މައިންބަފައިންނާއި ދަރިންނާމެދު އޮންނަ ގުޅުމާއި މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ހައްގުތަކާއި ވާޖިބުތަކާއި ދަރިންގެ މައްޗަށްވާ މައިންބަފައިންގެ ހައްގުތަކާއި ވާޖިބުތައް އަދި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަހުންނާއި އުހުތުންގެ ގުޅުންތަކާއި އެ ފަރާތްތަކުގެ ހައްގުތަކާއި ވާޖިބުތަކެއްވާއިރު، މާމައިންނާއި ކާފައިންނާއި ބޮޑު ބޭބެއިންނާއި ބޮޑުދައިތައިންނާއި އެ މީހުންގެ ދަރީންގެ މެދުގައި އޮންނަންޖެހޭ ހައްގުތަކާއި ވާޖިބުތަކެއްވާ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މި ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ އާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރާންޖެހޭ ވާޖިބެއް ކަމަށާއި އިންސާނީ ނަސްލު ބަލަހައްޓައި ނެގެހެއްޓޭނީ ފާރަވެރި، އޯގާތެރި، ކެތްތެރި އާއިލާއެއްގެ ހިޔާވަހިކަން ލިބިގެން ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، އާއިލާގެ ތެރޭގައި ތައުލީމާއި ނަފުސުގެ ކުރިއެރުމަށް ހިތްވަރުދީ، ހުނަރާއި އިލްމު ތަރައްގީކުރުމަށް ހޭދަކުރުމަކީ، ދިރިއުޅުމުގައި ކާމިޔާބީއަށް ވާސިލުވާން އެހީތެރިވެދޭ ބާރެއްކަން އާއިލާގެ ކޮންމެ މެންބަރަކަށް ޅަފަތުން ފެށިގެން ވިސްނައިދީ، އެކަން ތަންފީޒުކުރުމަށް މަސައްކަތްކުރާން ޖެހޭ ކަމަށެވެ.

އަދި އާއިލާގެ ތަނަވަސްކަން ހުންނަ ފަރާތްތަކުން އުފަލާއެކު އެ ޒިންމާ ނެގުމަކީ ދިރިއުޅުމުގެ އަސާސެއްކަމުގައި ހަދާންޖެހޭ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ ތިބާއަށް ﷲ ދެއްވާ މުދަލާއި ތަނަވަސްކަމަކީ ހަމައެކަނި ތިބާގެ މިލްކެއް ނޫން ކަމަށާއި އެ މުދަލަކީ އޭގައި އެތައް ބަޔެއްގެ ހައްގު އެކުލެވިފައިވާ މުދަލެއް ކަމަށެވެ. އޭގެ ތެރޭގައި މައިންބަފައިންނާއި ތިބާގެ އަހުންނާއި އުހުތުންގެ ހައްގުތައް ހިމެނޭ ކަމަށާއި އާއިލީ ގުޅުން ދެމެހެއްޓުމަށްޓަކައި އެއިން ހޭދަކުރަންޖެހޭ ކަމަށެވެ.

އަދި ދުނިޔޭގައި ބާއްޖަވެރި ހަޔާތެއް ހޭދަކުރުމުން އެ މީހުން މަހުރޫމު ނުކުރުމަށާއި ތިބާގެ ދައްތަ ނުވަތަ ބޭބެ އަދި އާއިލާގައި ކެރިފޯރުންތެރިކަން ކުޑަ ފަރާތްތަކުގެ މަތީން ހަނދާން ނައްތައި ނުލުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތައި، އެ މީހުން މުސްކުޅި އުމުރުގައި އެކަނި އުޅޭން ދޫކޮށްނުލުމަށް ހުތުބާގައި ގޮވާލި އެވެ.

ހުތުބާގައި ބުނީ، އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅައިލުމާއި ލޯބި ނުލިބުމުގެ ސަބަބުން އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމުވެފައިވާ އެތައް ކުޑަކުދީންނާއި ދޮށީ އުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުން އެބަދާ ކަމަށާއި އެއީ ދީނީ ގޮތުންނާއި އިޖުތިމާއީގޮތުން ބަލާއިރު، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަދި އާއިލީ ވެއްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ހައްގަކަށްވާއިރު އެ ހައްގުން އާއިލާގެ މެންބަރަކު މަހުރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބުންޏެވެ.