ސެޕްޓެމްބަރ 22, 2024

ތަރައްގީގެ ލަނޑުދަނޑިތައް އަވަހަށް ހާސިލުވާނީ ގައުމުތަކުގެ ގުޅުން ހަރުދަނާކޮށްގެން: ޒަމީރު

ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގްލޯބަލް ސައުތުއާއި އެ ނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.

ޒަމީރު އެގޮތަށް ގޮވާލެއްވީ އިންޑިއާ ސަރުކާރުން ވާޗުއަލްކޮށް މިއަދު ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓުގެ ފޮރިން މިނިސްޓްރީގެ ބައްދަލުވުމުގަ އެވެ.

”ޗާޓިން އަ ނިއު ޕެރެޑައިމް ފޮ ގްލޯބަލް ސައުތު“ މައުޞޫއަށް ބޭއްވި އެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޒަމީރު ވަނީ މިދިޔަ އަހަރު ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާ އިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފު ކުރި މުހިންމު ހަރަކާތްތަކަށް ފާހަގަކޮށް މަރުހަބާ ދަންނަވައިފަ އެވެ.

އަދި އެ ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެންބަރު ގައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތުއަށް ނިސްބަތްވާ ގައުމުތަކަށް ލިބިގެންދިޔަ މަންފާ ފާހަގަކުރައްވާ ޝުކުރުއަދާ ކުރެއްވި އެވެ.

ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތައް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯކްތަށް އަދާހަމަކޮށްގެން ކަމަށެވެ.

އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ގްލޯބަލް ސައުތާއި މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތުކަމުގައިވެސް ފާހަގަކުރެއްވި އެވެ.

ޒަމީރު ވަނީ، ރާއްޖެ ފަދަ ގައުމުތަކުގެ ތަރައްގީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އާ އީޖާދަތައް ހަމަހަމަ އުސޭލެއްގެ މަތިން ގްލޯބަލް ސައުތުގެ ގައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމު ކަމަށްވެސް ވިދާޅުވެފަ އެވެ..

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެންބަރު ގައުމުތައް، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ.

އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ސަމިޓުވެސް އިފުތިތާހު ކޮށްދެއްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ. ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރެވެ.

މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.