ނޮވެމްބަރ 24, 2024

ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީން ތައްޔާރުވަނީ

ރ. ހުޅުދުއްފާރުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަގުތަކުގައި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފި އެވެ.

އާރްޑީސީން މިއަދު ބުނީ ހުޅުދުއްފާރުގެ މަގުތައް ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމި، ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯރސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތުގެ 73 ޕަސަންޓް ނިމިފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ޖުމްލަ 3.1 ކިލޯމީޓަރު ދިގު މިނުގައި ތާރު އަޅާނެ ކަމަށާއި އެއީ ޖުމްލަ 6 މަގު ކަމަށް އާރްޑީސީން ބުންޏެވެ.

ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ މޭ މަހުގައި 88,912,040.55 ރުފިޔާ އަށެވެ.

ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ، ކޭބަލް ޖަންކްޝަން ނެޓްވޯކް އާއި ސްޓޯމް ވޯޓާ ނެޓް ވޯކް ގާއިމު ކުރުމުގެ އިތުރުން ޕަމްޕް ސްޓޭޝަންތައް ބެހެއްޓާއި މަގުބައްތި ހަރުކުރެވިގެން ކޮށްގެން ކަމަށް އާރްޑީސީން ބުންޏެވެ. އެ މަޝްރޫއު ޖުމްލަ މަސައްކަތުގެ 87 ޕަސަންޓް ނިމިފައިވާ ކަމަށެވެ.