ސެޕްޓެމްބަރ 21, 2024

ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކުރިގޮތާމެދު ފަހުރުވެރިވޭ: ސީޕީ

މާފަންނުގެ ގެއެއްގެ ތެރޭގައި ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމުގައި ފުލުހުން އަމަލުކުރިގޮތާމެދު ފަހުރުވެރިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޝުޖާއު ވަނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ފުލުހުންގެ ސީނިއާ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި އެއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއް ކަމަށެވެ. މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު“ތުރެޓް ނިއުޓްރަލައިޒ“ ކޮށްފައިވާ ކަމަށާއި އޮޕަރޭޝަންގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު ”ނިއުޓްރަލައިޒް“ ކުރުމުގައި ނިންމި ނިންމުން ރަނގަޅު ކަމަށް ސީޕީ ވިދާޅުވި އެވެ. ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

”މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވަމް. މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް. އަދި ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދާކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދާކަމަށާއި އެކަންކަން ބަލައިގަންނަން“ ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން އެފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑުކަމަށާއި ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށް ސީޕީ ވިދާޅުވި އެވެ. ރޭ އަންހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އަންހެން މީހާ ރަހީނުކޮށްގެން ގެންގުޅުނު ފިރިހެން މީހާ، އެ އަންހެން މީހާއަށް ގޭތެރޭގައާއި މަގުމައްޗަށް ނެރެ އަނިޔާކުރި ކަމަށެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅެފި ނަމަ، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދިން ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނީ، ފުލުހުންނަށް އިންޒާރު ދިނުމަށްފަހު އަނެއްކާވެސް އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރި ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ގެއިން އެ ފިރިހެން މީހާ ދެން ނުކުތީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އެވެ. އަދި މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ފިލަން އުޅޭ މަންޒަރު ފެނެ އެވެ. އެ ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވަމުންދިޔަ އެވެ.

ދައުރުވަމުންދާ އެހެން ވީޑިއޯއެއްގައި ފުލުހުން ބާރުގެ ބޭނުންކޮށް އަންހެން މީހާ ސަލާމަތް ކުރާތަން ފެނެ އެވެ. އެގޮތުން ދެ މީހުން މަގުމަތީގައި ސައިކަލު މަތީގައި އިންދާ ފަހަތުން ފުލުހަކު އައިސް، ފިރިހެން މީހާގެ ބޮލުގައި މުގުރުން ވަރަށް ބާރަށް ޖަހާތަން ފެނެ އެވެ. އޭރުވެސް ފިރިހެން މީހާ ހުރީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ.

ފިރިހެން މީހާގެ ގައިގާ ފުލުސް މީހާ މުގުރުން ޖެހުމުން ދެ މީހުންވެސް މަގުމައްޗަށް ވެއްޓެ އެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އެ ތަނަށް އެއްވެ، އަންހެން މީހާ ސަލާމަތްކުރެ އެވެ.