ސެޕްޓެމްބަރ 21, 2024

ލޯބިވެރިޔާ ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން އުޅެފި، ހޮސްޕިޓަލުގައި ފަރުވާ ދެނީ

އަންހެނަކު ރަހީނުކޮށް ވަޅީން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ހޮސްޕިޓަލުން އޭނާ މަރުނުވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

އަތުހަރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ބިރު ދައްކައިގެން ރަހީނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ އަތުހަރު ބޮލަށް މުގުރުން ހަމަލާ ދިނުމަށްފަހު އެވެ. އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އަތުހަރަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ފަރުވާއަށްފަހު އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އަތުހަރުގެ ހާލު ދެރަވެ ހޮޑުލާތީ ފަހުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ނަމަވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކުރި އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރީ ފުލުހުންގެ ބަންދުކޮށްފައި ހުއްޓަ އެވެ.