އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދައްކާ މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ސަބަބުން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ހޮސްޕިޓަލުން އޭނާ މަރުނުވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެފަހުން ފުލުހުން ބުނީ އަތުހަރުގެ ހާލު ސީރިއަސްވުމުގެ ސަބަބުން އައިޖީއެމްއެޗުގެ އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަތުހަރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ބިރު ދައްކައިގެން ރަހީނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ އަތުހަރު ބޮލަށް މުގުރުން ހަމަލާ ދިނުމަށްފަހު އެވެ. އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އަތުހަރަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
ފަރުވާއަށްފަހު އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އަތުހަރުގެ ހާލު ދެރަވެ ހޮޑުލާތީ ފަހުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ނަމަވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކުރި އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރީ ފުލުހުންގެ ބަންދުކޮށްފައި ހުއްޓަ އެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!