ނޮވެމްބަރ 22, 2024

ގޮންޖެހުންތަކާއި އެކުވެސް 28 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ، އަދިވެސް ޚަރަދުތަށް ކުޑަކުރަންޖެހޭ:މުޖޭ

ހަރަދުތައް ކުޑަކޮށްގެން 28 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވެއްޖެ އެވެ.

މުޖުތަބާ ވިދާޅުވީ މި ސަރުކާރުން ވެމްކޯ އާއި ހަވާލުވީ ބޮޑު ދަރަންޏަކާ އެކު ކަމަށެވެ.

ހަމަ އެހެންމެ މަސައްކަތެއް ކުރަން ހަވާލުނުކޮށް ގދ. ތިނަދޫއާއި ކ. މާފުށި އަދި ކުޅުދުއްދުއްފުށި ސިޓީއިން ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ބޮޑެތި ހަރަދުތަކެއް ހިނގަމުން ދިޔަކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

އެކަމަކު މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވެމްކޯގެ ހިދުމަތްތައް ފުރިހަމައަށް ދޭން ފަށައިފައިވާ ކަމަށާއި، އެއާއެކު ކުންފުނި ދަރަނިން ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެގޮތުން ކުންފުނީގެ އޮޕަރޭޝަންތައް ހިންގުމަށް ހިނގާ ހަރަދުތައް މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް އައިއިރު 46 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށާއި، ކުންފުނި ހިންގުމުގައި އެއް ދުވަހަށް ވެސް މަޑުޖައްސާލެވެން ނެތް ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.