ނޮވެމްބަރ 22, 2024

ފުއާދުގެ ދައުރު ހަމަވާތީ އީސީއަށް އާ މެންބަރަކު ހޯދަނީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އީސީގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. އީސީގެ މެންބަރު ކަމަށް ފުއާދު އައްޔަންކޮށްފައިވަނީ 24 ނޮވެމްބަރު 2019 ގަ އެވެ. އޭނާގެ ދައުރު އަންނަ ނޮވެމްބަރަށް ހަމަވާނެ އެވެ.

ފުއާދު ވަނީ މީގެ ކުރިންވެސް އީސީގެ މެންބަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އެއީ 2008 ވަނަ އަހަރު އެންމެ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ބޭއްވިއިރެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް:

– އުމުރުން 25 އަހަރުވެފައިވާ މީހުންނަށް
– އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ މީހުންނަށް
– އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުން ނުދާ މީހުންނަށް
– ސަރުކާރުގެ ނުވަތަ އެހެން ވެސް ތަނެއްގައި ވަޒީފާއެއް އަދާނުކުރާ މީހުންނަށް

އީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކޮށްގެންނެވެ. އެ ކޮމިޝަނުގެ ރައީސް އިންތިހާބު ކުރާނީ ކޮމިޝަނުގެ ފަސް މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.