ސެޕްޓެމްބަރ 21, 2024

ބަލިމަޑުކަމެއް ދިމާވުމަކީ އަޅުކަމާ ދުރަށް ދާން ލިބޭ ފުރުސަތެއްގެ ގޮތުގައި ބައެއް މީހުން ބަލާ: ހުތުބާ

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އުބުރަތްލިބިގަތުން“ މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ، ދުނިޔޭގެ ހަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި އުފަލާއި ހިތާމައާއި މުއްސަނދިކަމާއި ފަގީރުކަމާ ކުރިމަތިލާންޖެހުމަކީ اللهގެ ސުންނަތެއް ކަމަށާއި އެއީ އެކަލާނގެ އިރާދަފުޅު ކަމަށެވެ.

އަދި الله އަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމު އަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްހަމަޖެހުމާއި ދުއާކުރުމާ އެކުގައި ކަމަށާއި އެހެނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ الله ގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތީންކަމާއި އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވައުދުވެވޮޑިގެންވާކަން މުސްލިމު އަޅާ ޔަގީންކުރާތީ ކަމަށް ބުންޏެވެ.

މި ދުނިޔޭގައި މި ފަދަ އިމްތިހާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ الله ފޮނުއްވެވި ރަސޫލުބޭކަލުންކަން ފާހަގަކުރައްވައި ހުތުބާގަިއ ބުނީ، މާތް اللهގެ ނަބިއްޔާ  އައްޔޫބުގެފާނަށް އެކަލާނގެ ކުރެއްވި އިމްތިހާނާއި ކުރިމަތިލެއްވި ގޮތް ހަނދާނަށް ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން الله تَعَالَى އައްޔޫބުގެ ފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން އަދި އަަދަދު ނުކުރެވޭ ވަރަށް ދަނޑުފަނގުތަކަކާއި ނައަމްސޫފިތައް ދެއްވި ކަމަށާއި ގާތްތިމާގެ މީހުންނާއި އެތައް ހާދިމުންނެއް އެކަލޭގެފާނުގެ ހިދުމަތުގައި ވި ކަމަށް ބުންޏެވެ. އަދި ދުޅަހެޔޮ ސިއްހަތާއި ތަނަވަސްކަމުގެ ނިއުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވި އިރު، އޭގެ ފަހުގައި الله تَعَالَى އެކަލޭގެފާނު އިމްތިހާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވި ކަމަށް ބުންޏެވެ.

”އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވެ އެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނައަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވި އެވެ. ހުރިހާ އަޅުންނާއި ހާދިމުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރީން، އެކަލޭފާނު ދޫކޮށްދިޔައެވެ. އަރިހުގައި ދެމި ތިއްބެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނަށް ހެނދުނާއި ހަވީރު ޒިޔާރަތްކުރަމުން ދިޔަ އެކަލޭގެފާނުގެ އަރިސް ދެ އަހުންނެވެ.“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ފަގީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުއާކުރެއްވުމާއި ޒިކުރުކުރެއްވުމުގައި ދެމިއޮންނެވުމުން އެކަލޭގެފާނުގެ ކިބައިން އެކަން މާތް ﷲ ގަބޫލުކުރެއްވި ކަމަށެވެ. އަދި އައްޔޫބުގެފާނުގެ ބަލީގެ ޝިފާއެއްކަމުގައި الله تَعَالَى ލެއްވެވި ފެންއާރުން ނާނޭފުޅުފިއްލަވައި ފެންފޮދު ހިއްޕެވުމުން އެކަލޭގެފާނު ކުރީން ހުންނެވި ރިވެތި ފުރިހަމަ ސޫރައާއި ދުޅަހެޔޮކަމަށް އެކަލޭގެފާނު އިއާދަ ކުރެއްވި ކަމަށާއި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގަތް ދަރީންގެ އަދަދަށްވުރެ ގިނަ ދަރީންނާއި މުދަލާއި ތަނަވަސްކަން ދެއްވި ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެއް ފިލާވަޅަކީ މުސީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުއާކުރުމާއި ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިންމުކަން ކަމަށާއި ޝިފާ ލިބުމާއި ކާމިޔާބު ލިބުން ވަނީ ﷲގެ ހަޒުރަތުން ކަމަށެވެ. އަދި ކެތްތެރިވެ ސާބިތުކަމާ އެކު ދެމިހުރެއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަމަކީވެސް އެ ވާހަކައިން ލިބޭ ފިލާވަޅެއް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އައްޔޫބުގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހައި ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދު ވެސް އެކަލޭގެފާނު الله تَعَالَىއަށް ޒިކުރުކުރުމާއި އަޅުކަން ކުރުމުގައި ދެމިއޮންނެވި އިރު، ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދެއްކޮށެއް ނޫން ކަމަށެވެ.

ހުތުބާގައި ބުނީ، އަހަރެމެން الله تَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ހަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިހާނު ކުރައްވާނެކަމީ އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅު ކަމަށެވެ. އަދި އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ގުރުބާނީ ކަމަށާއި އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދުވެސް އެ ކަމަނާ އެ ފަގީރު ދަތި އުނދަގޫ ހާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވި ކަމަށް ބުންޏެވެ.

އެގޮތުން އެ ކަމަނާ މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅުއަރުވަމުން، އެކަލޭގެފާނުގެ ހިދުމަތުގައި ދެމި ހުންނެވި ކަމަށް ބުންޏެވެ.