ސެޕްޓެމްބަރ 21, 2024

ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދަން އެއްބަސްވުމެއް

ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ޑައިރެކްޓް އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކުރުމަށް ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ ދަށުން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު ދެ ގައުމުގެ ފައިސާ އިން މުއާމަލާތްތައް ކުރުމަށާއި ދިވެހި ވިޔަފާރިވެރިންނަށް ޗައިނާ އިން މުދާ ގެނައުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން ސޮއިކުރި މުހިންމު އެއްބަސްވުމެއް ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ގައުމެވެ. އެގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެއެވެ.

ޗައިނާ އާއެކު ރުފިޔާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖެއްސި އިރު، ރާއްޖެއިން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިންޑި އާއެކުވެސް އެފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.