ނޮވެމްބަރ 22, 2024

ތްރެޓް އެސެސްމަންޓަކަށްފަހު އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ

ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީއާ އެމްއެންޑީއެފުން ހަވާލުވެއްޖެ އެވެ.

އާންމު އުސޫލުގެ ދަށުން ވަޒީރުންގެ ތެރެއިން ސިފައިން ސެކިއުރިޓީ ފޯރުކޮށްދެނީ ޑިފެންސް މިނިސްޓަރަށެވެ. އެހެން މިނިސްޓަރުންގެ ސެކިއުރިޓީ އާންމުކޮށް ބަލަހައްޓަނީ ފުލުހުންނެވެ. ހޯމް މިނިސްޓަރުގެ ސެކިއުރިޓީ ވެސް ބަލަހައްޓަމުން އައީ މީގެ ކުރިން ފުލުހުންނެވެ.

ނަމަވެސް މިދިޔަ ހަފުތާ އިން ފެށިގެން ހޯމް މިނިސްޓަރުގެ ގޮތުގައި ވެސް ހަރަކާތްތެރިވަނީ ސިފައިންނެވެ.

އިހުސާން ބައެއް މީޑިއާތަކަށް ވިދާޅުވީ، ފުލުހުންނާއި ސިފައިން ސެކިއުރިޓީ ބަލަހައްޓާ ހުރިހާ މީހުންނަށްވެސް ރޫޓިންކޮށް ހަދާ ”ތްރެޓް އެސެސްމަންޓް“ އަކަށްފަހު އޭނާގެ ސެކިއުރިޓީއާ ސިފައިން މި ދުވަސްވަކޮޅު ހަވާލުވެފައިވާ ކަމަށެވެ.

”ވަޒީރުންގެ ތްރެޓް އެސެސްމަންޓް ދޭތެރެދޭތެރެއިން ހަދާނެ. އެ އެސެސްމަންޓް ހަދާފައި އެމްއެންޑީއެފުން ބަލަހައްޓަން ޖެހޭ ވަޒީރުން ފާހަގަވެއްޖިއްޔާ މި ބަދަލު އަބަދުވެސް ގެންނާނެ. އަބަދުވެސް ކުރާ ކަމެއް މިއީ. އެ އުސޫލުން އަޅުގަނޑުގެ ސެކިއުރިޓީ ވެސް އެމްއެންޑީއެފުން މިހާރު ބަލަހައްޓަނީ،“ އިހުސާން ’މިހާރު‘ އަށް ވިދާޅުވެފައިވެ އެވެ.

ސިފައިންގެ އޮފިސަރެއްގެ ގޮތުގައި 10 އަހަރު ހޭދަކުރައްވައި އަދި އެމެރިކާ އިން އަސްކަރީ ތަމްރީން ހައްދަވާފައިވާ އިހުސާނަކީ މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރެވެ. ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ވެސް މިހާރު ހިންގަމުންދަނީ އިހުސާނުގެ ބެލުމުގެ ދަށުންނެވެ.