ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވިހި އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ތަރައްގީގެ މުހިންމު ވައުދެކެވެ. އެ ޕްލޭން ހަދާނެ ގޮތާއި އެކަން ކުރިއަށް ގެންދާނެ ގޮތް ކެބިނެޓުގެ ލަފާފުޅާއެކު ރައީސް މުއިއްޒު އިއްޔެ ވަނީ ނިންމަވައިފަ އެވެ.
ރައީސް އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އެ މަސައްކަތާގުޅޭ ތަފުސީލުތައް ދެއްވުމަށް ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.
”ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުން ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީގައި ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވައިލުމުގެ މަސައްކަތް މި ފަށަނީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ޕްލޭނަށް ގާނޫނީ ހިމާޔަތްތެރިކަން ދިނުމުގެ ގޮތުން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އަދި ހާއްސަ ވަކި ގާނޫނެއް އެކުލަވައިލައްވާނެ ކަމަށެވެ. މީގެ މަގުސަދަކީ ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާ 20 އަހަރު ދުވަހުގެ ތަސައްވުރަކީ އެއަށް ރައްޔިތުންގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި ޕްލޭނާއި ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ރަށެއްގައި ވަރަށް ތަފުސީލީ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ގޮތަށް އަދި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ފުރިހަމަ 20 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ކަމަށްވެސް ވިދާޅުވި އެވެ.
”މިކަމަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެއް. އެންމެންގެ ބައިވެރިވުމާއެކު އެންމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތަކަށް ގެންދާނެ އިރާދަކުރެއްވިއްޔާ،“ ރައީސް ވިދާޅުވި އެވެ.
1 Comment
ގުޅުންހުރި
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި