ސެޕްޓެމްބަރ 21, 2024

ރަހީނުކޮށް މީހެއްގެ އިނގިލި ބުރިކޮށްލުން: ތުހުމަތުވާ ސިފައިންގެ ދެ މީހުން ސަސްޕެންޑްކޮށްފި

ގުރޫޕަކުން މީހަކު ރަހީނުކުރުމަށްފަހު އެ މީހާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތުހުމަތުވާ ސިފައިންގެ ދެ މީހުން ސަސްޕެންޑްކޮށްފި އެވެ.

މި އަހަރުގެ މެއި 25 އިން ޖޫން 25 އަށް ހުއްދަ ނޫން ގޮތުގައި މޭލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ، އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލައިގެ ތަފުސީލު ދެއްވަމުން ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ސިފައިންގެ ދެ މީހުންނަކީ މުހައްމަދު ނަފާހް، ފުލްމޫން ކ. މާފުށި، އަދި އަހުމަދު ޒަޔާން، ތުނޑީ އަވަށު ލިންކް ލ. ގަން އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ދެ ސިފައިންގެ މީހުން މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށެވެ.

މީހަކު ރަހީނުކުރި އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައީ ޖޫން 25 ވަނަ ދުވަހު އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން، ހޮސްޕިޓަލުގައި އެ ވަގުތު ޑިއުޓީ ކުރަމުންދިޔަ ފުލުހުން ކަމަށް ޝިފާއު ވިދާޅުވި އެވެ..

”އޭނާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރައި، ވަރަށް ބޮޑަށް ދުޅަވެ، ނޫފައިގެންފައި ހުރިކަން ފާހަގަކުރެވުނު. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ޒަހަމްތަކެއް ވެސް ފެންނަން ހުރި،“ ޝިފާއު ވިދާޅުވި އެވެ.

”އެ އަނިޔާތަކުގެ އިތުރުން ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވުނު.“

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.

އަލީ ސާމީ (24އ)، ރ. ކަނދޮޅުދޫ، މިހުރާ
އަހުމަދު ސާއިފް ވަހީދު (18އ)، ގދ. ގައްދޫ، ހުދުވެލި
މުހައްމަދު ނައުޝަން ހުސެއިން (21އ)، ތ. ތިމަރަފުށި، އުތުރުގެއާގެ
މުހައްމަދު ނަފާހު (23އ)، ކ. މާފުށި، ފުލްމޫން
އަހުމަދު ޒަޔާން (24އ)، ލ.ގަން/ތުނޑި، ލިންކް

ޝިފާއު ވިދާޅުވީ، އެ މީހުންގެ ތެރެއިން ސާމީ، ސާއިފް، ނައުޝަންގެ އިތުރުން ޒަޔާން ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާއިރު، ނަފާހު މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އަދި މި މިހުންގެ ތެރެއިން ނަފާހު އާއި ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ދެ މީހުން ކަމަށްވާތީ އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށް، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެ އިދާރާ އިން އަޅަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި 18 އަހަރުން ދަށުގެ 3 ކުދިންވެސް ހިމެނޭތީ އެކަންވެސް ބަލަމުން އަންނަ ކަމަށެވެ.