ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ރަޖިސްޓްރީ ކުރަންޖެހޭ ގޮތް ކުރަނީ

ދިވެހި ގުރާ އާއިލާގައި ހިމެނޭ މަކާއޯއެއް އުދުހިގަންނަނީ --- ފޮޓޯ: މިހާރު

ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީ ކުރުން ލާޒިމުކޮށް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެއް ޑްރާފްޓްކޮށްފި އެވެ.

ރާއްޖޭގައި މީހުން ޕެޓްގެ ގޮތުގައި އެކި ކަހަލަ ދިރޭތަކެތި ނުވަތަ ޖަނަވާރު ގެންގުޅުނަސް ޖަނަވާރާ ގުޅުންހުރި އެއްވެސް ގާނޫނެއް މިހާތަނަށް ހަދައިފައެއް ނުވެ އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ’ޕީއެސްއެމް‘ އަށް ވިދާޅުވީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލުގެ ޑްރާފްޓްގެ މަސައްކަތް ނިންމައި ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެ ބިލުގައި ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ރަޖިސްޓްރީކުރުން ލާޒިމުކޮށްފައިވާނެ ކަމަށާއި ޖަނަވާރުގެ ވެރިފަރާތަކީ ކާކުކަން ދެނެގަތުމަށް ވެސް ކަންކަން ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވި ގޮތުގައި އެކަން ހިމެނީ މަގުތަކުގައި ބުޅާ ފަދަ ޖަނަވާރުތައް ގިނަވާ މައްސަލަ ހައްލުކުރަން ފަސޭހަކުރުމަށެވެ.

”އޭރުން މިވާ ގޮތަކީ ފެޓްގެ ގޮތުގައި މި ގެންގުޅޭ ޖަނަވާރު ޓެގުކުރެވިގެންދާނެ. ރެޖިސްޓާ ކުރެވިގެން ދާނެ. އަދި އޭގެ ސިއްހީ ކަންކަން ބެލުމައްޓަކައި ގަވާއިދުން ދޭންވާ ވެކްސިން ދިނުމާއި މި ރެޖިސްޓާޑް ޕްރޮގްރާމެއްގެ ދަށުން ކުރެވިގެން ދާނެ. ދެންވެސް މަގުމައްޗަށް ނުކުންނަ ބުޅަލެއްވެސް ޓެގު ކުރެވިފައި އިނިއްޔާ އިނގޭނެ އޯނާއާއި ލިންކް ކުރަން“ ރަމީލާ ވިދާޅުވި އެވެ.

ޕެޓުގެ ގޮތުގައި ރާއްޖޭގައި ގިނަ ބަޔަކު ބުޅާ ގެންގުޅޭއިރު ބައެއް މީހުން އެ ބޭނުން ނުވުމުން މަގުމައްޗަށް ދޫކޮށްލާ މައްސަލަ ބޮޑެވެ. އެކަން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ ހުޅުމާލޭގައި ބުޅާ ފެސިލިޓީއެއް ހަދަމުންނެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރުގައިވާ ފޮޓޯއަކީ މިހާރު ނޫހުން ނަގާފައިވާ ފޮޓޯއެކެވެ.