އޮކްޓޯބަރ 6, 2024

ތަސްލީމް ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި

މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

އިންޓަޕޯލްގެ ވެބްސައިޓުން ތަސްލީމްގެ ޕޯސްޓު ނުފެންނާތީ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ބުނީ އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝްކުރާ ނޯޓިސްތަކަކީ، އިންޓަޕޯލް ގައުމުތަކަށް ފެންނާނެ އެއްޗިސް ކަމަށެވެ. އެ ހުރިހާ ނޯޓިސްއެއް އާންމުކޮށް ފެންނަން ނުހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަމަހުގެ 14 ގައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަސްލީމު ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް ނެރުމަށް އެދިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ތަސްލީމު ގެއްލިގެން 30 އޮގަސްޓު 2024 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި އެއާއި އެކީ ވަގުތުން ތަސްލީމު ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ތަސްލީމު ހޯދުމުގެ ގޮތުން އޭނާ ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލައިފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓުގާރޑަށް އެ މައުލޫމާތު ހިއްސާކޮށްގެން ޑައިވިންގ ޓީމުން ވަނީ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ތަސްލީމު ހޯދުމުގެ ގޮތުން އެމްއެންޑީއެފްގެ ޑައިވިންގ ޓީމް ވަނީ 31 އޮގަސްޓު 2024 އިން 1 ސެޕްޓެމްބަރު 2024 އަށް އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު (ޖުމްލަ 3 ދުވަސް) 943998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށް ބަލާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް އެމީހުން ދަތުރު ދިޔުމަށްޓަކައި 29 އޮގަސްޓު 2024 ވަނަ ދުވަހު ފުރާފައިވާ ކަމަށާއި ތަސްލީމު ހިމެނޭހެން ޖުމްލަ 25 މީހުން މި ދަތުރުގައި ބައިވެރި ކަމަށެވެ. މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓު ޕާޓީއެއް ބޭއްވުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ތަސްލީމުމެން ދަތުރު ދިޔައިރު އެ ފަސްގަނޑުގައި އިތުރު ބަޔަކުވެސް ދަތުރު ގޮސް ތިބި ކަމަށާއި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ބަޔާން ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

”އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮތްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވެއެވެ. އަނެއް ދުވަހު ހެދުނުވެސް ތަސްލީމު ވަނީ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައެވެ. މަންޒަރު ހިމެނޭ ފޮތޯތަކުންނާއި ވީޑިޔޯތަކުން ވަނީ ފެނިފައެވެ“ ފުލުހުން ބުނެފައިވެއެވެ.

”އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9″00 އާ ދޭތެރޭގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ނުފެނުނެވެ. އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ވަނީ ތަސްލީމުގެ އާއިލާއަށް ގުޅައި މައުލޫމާތު ހޯދާފައެވެ. އޭނާ މާލެ ނުދާ ވާހަކަ އާއިލާއިން ބުނުމުން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ރައްޓެހިން ވަނީ ފަށާފައެވެ“

އެ މައްސަލައިގައި މިހާތަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާއި ވަނީ ސުވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ތަސްލީމު އާންމުކޮށް ގޮސް އުޅޭ ތަންތަނާއި ތަސްލީމު އެހެން ލޯންޗަކުން މާލެ އައިތޯ ފުލުހުން ވަނީ ބަލައިފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.