ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީގެ ޕްރޮގުރާމަކަށް ރާއްޖެ ނުދާނޭ ކަމަށާއި އިންޑިއާ އިން ރާއްޖޭގެ ބުރަ ލުއިކޮށްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް އެ ގައުމަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ކުރިން ބީބީސީއަށް އީމެއިލް މެދުވެރިކޮށް ރައީސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއަށް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
”ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާގެ ހައިސިއްޔަތުން އިންޑިއާ އިން ރާއްޖޭގެ ބުރަ ލުއިކޮށްދީ، ރާއްޖެއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދީ، ހައްލު ހޯދައިދޭން އަބަދުވެސް އޮންނާނީ ތައްޔާރަށް،“ ރައީސްއާ ހަވާލާދީ ބީބީސީއިން ރިޕޯޓުކޮށްފައިވެ އެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 440 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، ދަރަނި ނުދެއްކުމުގެ ބިރު ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓު ރޭޓިން އެޖެންސީ މޫޑީސް އާއި ފިޗުންވެސް ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ.
ނަމަވެސް ރައީސް މުއިއްޒު ބީބީސީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖެއަށް ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓު ވެދާނެ ފަދަ ހާލަތެއް ނެތް ކަމަށާއި ހާލަތު ބަދަލުކުރަން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވާނެ ކަމަށެވެ.
”ހައްލު ހޯދަން އަޅުގަނޑުމެންގެ އަމިއްލަ އެޖެންޑާއެއް އެބަ އޮތް،“ ރައީސް ވިދާޅުވި އެވެ.
ބީބީސީގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ބޭރުގެ ރިޒާވަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ރައީސް މުއިއްޒު ފައިސާ ހޯއްދަވާނެ ގޮތެއް ނޭނގޭ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އިންޑިއާއަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ މުހިންމު ކަމަކަށް އެޖެންޑާގައި އޮންނާނީ އެ ގައުމުން މާލީ އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރުން ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް