ނޮވެމްބަރ 24, 2024

ގެއަކަށް ވެއްދުމަށްފަހު އޮރިޔާންކޮށް، ފޭރުން: މަންމައަށާއި ދަރިއަށް ދައުވާކޮށްފި

މާލޭގެ ގެއަކަށް މީހަކު ވެއްދުމަށްފަހު އެ މީހާ ބަރަހަނާކޮށް, ބިރު ދައްކައިގެން އެކައުންޓުން ފޭރުނު މައްސަލައިގައި ހިމެނޭ މަންމައާއި ދަރިފުޅުގެ މައްޗަށް ދައުވާކޮށްފި އެވެ.

މިއީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އެ މީހާ ރަހީނުކުރި ގެ، މއ. މަސްފަން/ އާއިޝަތު (43އ) އާއި އޭނާގެ ދަރިފުޅު މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ/ ސޯމާ، ޝަގީގު އިބްރާހިމް (35އ) އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ތިން މީހުންގެ ދައުވާކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނުލްއުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމާއި، ފޭރުމާއި އަދި އެނގިހިރު ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.

އެ ތިން މީހުންގެ މައްސަލަ ތަހުގީގަށް ކުރުމަށްފަހު ފުލުހުން، ޕީޖީއަށް ފޮނުވީ ސެޕްޓެމްބަރުމަހުގެ 9 ގަ އެވެ.