އޮކްޓޯބަރ 10, 2024

މަހުޖަނު ސަން ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި

މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން ގިނަ ބަޔަކަށް މަޝްހޫރުވި އައިމިނަތު ޒާރާ އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.

މޮރޮކޯ މީހަކާ ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެެނި ބައްލަވައިގަތީ މިއަދު ސިޔާމްގެ އޮޅުވެލިފުށި ރިސޯޓުގަ އެވެ. ޒާރާއަކީ ސިޔާމްގެ ދެވަނަ އަނބިކަނބަލުންނެވެ.

ކައިވެނީގެ ރަނުގެ ގޮތުގައި ކިޔާފައި ވަނީ ކިހާވަރެއް ކަމެއް ނޭނގެ އެވެ. މި ކައިވެނީގެ ރަނަކީ ގެސްޓްހައުސްއެއް ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޒާރާ ރަނުގެ ގޮތުގައި ކިއީ 2024 ރުފިޔާ އެވެ.

ޒާރާގެ ރަށް، ކަމަދޫގެ ރައްޔިތުންނަށް ހާއްސަ ހަފުލާއެއްވެސް މި ހަފުތާ ބަންދުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ހަފުލާއާ ދިމާކޮށް ކަމަދު އަށް ވަނީ ތިން އަސް ވެސް ގެންގޮސްފަ އެވެ.

ރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނޭ ސިޔާމް މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނަކުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި އޭނާއަށް ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ނުވަތަ 539 މިލިއަން ދިވެހި ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.