ނޮވެމްބަރ 23, 2024

ވިފާގުގެ ސިއްރުތަކާއި ޒާތީ މައުލޫމާތު ހާމަކުރުމަށްފަހު ފުލުހުން މާފަށް އެދިއްޖެ

މިދިޔަ މަހުގެ 10 ގައި މާލޭގެ އިމާރާތަކުން ފުއްމާލުމުގެ ސަބަބުން މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހީމްގެ ސިއްރުތަކާއި އޭނާއާއި ގުޅޭ ޒާތީ މައުލޫމާތު ހާމަކުރުމަށްފަހު ފުލުހުން މައާފަށް އެދިއްޖެ އެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށެވެ.

ވިފާގުގެ ހަށިގަނޑު ޗެކްކުރިއިރު، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގުޅުމެއް ހިންގާފައިނުވާ މީހެއްކަން އެނގިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އެހެންކަމުން އޭނާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ވިފާގް ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގްގެ މެޑިކަލް ރެކޯޑުތަކުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރުކުރެވިފަ،“ ޝިފާއު ވިދާޅުވި އެވެ.

”އޭގެ ހިސްޓްރީއާއި މިކަންތައްތަކުގަ ވެސް. އެންމެ ރިޕޯޓަކުން ވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ،“

ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

ފާޑު ކިޔުންތައް އަމާޒުވުމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގުގެ މަރުގެ މައްސަލައިގެ ތަހުގީގާއި ގުޅުންހުރި މައުލޫމާތު ދީފައިވަނީ މީޑިއާއަކުން އެ މައްސަލައިގެ ހަގީގަތް އޮޅޭގޮތަށް އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއިމެދުގައާއި ވިފާގުގެ ފަރާތުން އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭގޮތުން ހަގީގަތާއިހިލާފު ވާހަކަތަކެއް ގެނެސްދީފައިވާތީ ކަމަށެވެ.

”އަދި އެ މައުލޫމާތު މި ހިދުމަތުގެ ފަރާތުން ދީފައިވަނީ ނިޔާވި ކުއްޖާގެ މަންމައާއި ބައްޕަ ހިމެނޭގޮތަށް އެ ކުއްޖާގެ އާއިލާއަށް ވެސް އެކަން އެނގިގެން ކަމުގައި ދަންނަމަވެވެ. ހަމައެއާއެކު، އެ މީޑިއާ ބްރީފިން ކުރިޔަށް ގެންދިޔުމުގައި ބައެއް ސެންސެޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނުކަން މި ހިދުމަތުގެ ފަރާތުން ގަބޫލުކޮށް، އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބިފައިން ނިހާޔަތަށް މާފަށް އެދެމެވެ.

ފުލުހުން އެ އިޝާރަތް ކުރަނީ ޗެނަލް 13 އިން ވިފާގުގެ މަރުގެ މައްސަލައިގައި ގެނެސްދިން ޑޮކިއުމެންޓްރީއަށެވެ. އެ ޑޮކިއުމެންޓްރީގައި ވަނީ ވިފާގުގެ މަންމަ އަދި ވިފާގުގެ ދޮންބައްޕަ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.