މަޖާ ކުޅިވަރު ތަކާއެކު ސްޓެލްކޯއިން ކުޑަކުދިންގެ ހަވީރެއް މާދަމާ ބާއްވަނީ

ސްޓެލްކޯ އިން ކުޑަކުދިންގެ ހަވީރެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ސްޓެލްކޯ އިން ބުނީ، މާދަމާ ބާއްވަން ތައްޔާރުވަމުންދާ ކުޑަކުދިންގެ ހަވީރަކީ އެ ކުންފުނީގެ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާތީ އެ މަސައްކަތް ކުރި މުވައްޒަފުންގެ ހިތްވަރާއި ޖޯޝާއި މަސައްކަތުގެ ނަމޫނާ އަހުލާގު ފާހަގަކުރަން ބާއްވާ ހަވީރެއް ކަމަށެވެ.

އެގޮތުން މާދަމާގެ ހަވީރުގައި ބައިވެރިވުމަށް ހުރިހާ ކުޑަކުދިންނަށް ސްޓެލްކޯ އިން ވަނީ ދައުވަތު ދީފަ އެވެ.

އެ ހަވީރު ބާއްވަން ހަމަޖެހިފައިވަނީ ސްޓެލްކޯ ބިޒްނަސް ސެންޓަރުގައި މާދަމާ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 9:30 އަށެވެ. ހަވީރުގައި މަޖާ ކުޅިވަރުތަކާއި މެސްކޮޓް ވެސް ފެނިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯގެ ބިޒްނަސް ސެންޓަރަކީ ދެ ބުރިއަށް ހަދާފައިވާ 7,500 އަކަފޫޓުގެ އިމާރާތެކެވެ. ގާތްގަނޑަކަށް ހަ މަސް ތެރޭގައި އެ ތަން ހަދާ ނިންމާފައިވާއިރު، އެ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނެވެ.

އެ ސެންޓަރުން އިންޖީނާއި ޓްރާންސްފޯމަރާއި ކޭބަލްތަކާއި ސްޓްރޭޖް ސިސްޓަމްތަކާއެކު އިޔާދަކުރަނިވި ހަކަތައާ ގުޅޭ ފުރިހަމަ ހައްލުތަކެއް ހޯދައިދޭނެ އެވެ.