ލަފާކުރީ 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނޭ ކަމަށް، އޭގެ 50 ޕަސެންޓް ވެސް ނުލިބުނު

މި އަހަރު ލިބޭނޭ ކަމަށް ބަޖެޓުގައި ލަފާކުރި އަދަދުގެ 45 ޕަސެންޓް ވެސް ނުލިބޭކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ހިލޭ އެހީގެ ގޮތުގައި މި އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 581 މިލިއަން ރުފިޔާ އެވެ. އެއީ ލިބޭނޭ ކަމަށް ލަފާކުރި އަދަދުގެ 45 ޕަސެންޓެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 664 މިލިއަން ރުފިޔާއަށްވުރެ 83 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައި، ސަރުކާރުގެ ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ހިލޭ އެހީގެ ގޮތުގައި 2.59 ބިލިއަން ރުފިޔާ ލިބޭނެ އެވެ.